ވީރާނާވާން ދޫކޮށްލާފައި އޮތް، ހުޅުމާލޭ ވޯޓަރ ތީމް ޕާކް ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފަށަނީ
ހުޅުމާލޭ ފޭސް އެކެއްގެ ބީޗް ސަރަހައްދުގައި ތަރައްޤީކުރަން ފެށުމަށްފަހު، އެއްވެސް މަސައްކަތެއް ނުހިނގާ ވީރާނާވާން ދޫކޮށްލާފައި އޮތް ވޯޓަރ ތީމް ޕާކްގެ މަސައްކަތް އަލުން ފެށުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް އެ ވޯޓަރ ތީމް ޕާކްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އެތަން ބަޔަކާ ހަވާލުކޮށްފައި ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެތަން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނޭ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި އަމަލީ މަސައްކަތް ފަށާތާ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި، ރައްޔިތުންނަށް އެތަން ހުޅުވައިލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭގައި ވޯޓަރ ތީމް ޕާކެއް އެޅުމުގެ މަޝްރޫޢަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެށި މަސައްކަތެކެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު ވެސް އެ މަޝްރޫޢު އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދެއެވެ.

އެޗްޑީސީން ވަނީ މެލޭޝިޔާގެ މިރީ ހައުސިންގް ޑިވެލޮޕްމެންޓް ސެންދިރިއަން ބަރުހާދާ މި މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދަން މަސައްކަތް ކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން 2018 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތް ނިންމަން ތާވަލުކުރި ނަމަވެސް، ދިމާވި ޓެކްނިކަލް އެކި މައްސަލަތަކާ ހުރެ މަޝްރޫޢު އެއްކޮށް ހުއްޓުނީ ކަމަށް އޭރުގެ ސަރުކާރުން ބުނެފައިވެއެވެ. މި ސަބަބުތަކާ ހުރެ އެތައް އަހަރެއް ވޭތުވެގެން ދިޔައިރު، އެތަނުގައި ޖަހާފައިވާ އޮނިގަނޑުތައް ހުރީ ވީރާނާވާން ކައިރިވެފައެވެ. އެތަން އިން ވަކިކުރުމަށް ޖަހާފައިވާ ފެންސް ނައްޓާލާފައިވާއިރު، މިހާރު ބައެއް މީހުން އެތަން ބޭނުންކުރަނީ މަސްތުވުމުގެ ކަންކަން ކުރުމަށްކަމަށް އެހިސާބަށް އާންމުކޮށް ގޮސް އުޅޭ ބައެއް މީހުން ފާހަގަކުރެއެވެ.
ހުޅުމާލޭގައި ތަރައްޤީކުރެވޭ މި ވޯޓަރ ތީމް ޕާކްގެ މަޝްރޫޢު އެއްކޮށް ނިމިގެންދާއިރު، އެތަނުގައި ފެނުގެ ކުޅިވަރުތަކުގެ އިތުރުން ފުޑް އެންޑް ބެވެރޭޖް އައުޓްލެޓްތަކާއި ޒަމާނީ ފެންވަރުގެ ހޮޓަލެއް ތަރައްޤީކުރުމަށް ވެސް ވަނީ ރޭވިފައެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢު އަވަހަށް ނިންމައި، ހުޅުމާލެއަކީ ދިވެހިންނާއި ފަތުރުވެރިންނަށް ވެސް ހިތްފަސޭހަ މުނިފޫހިފިލުވުމުގެ ވަސީލަތްތައް ފުރިހަމަވެފައިވާ ތަނަކަށް ހެދުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް