ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!
ދިވެހިރާއްޖޭގައި އުޅޭ ބިދޭސީއަކު ޓިކްޓޮކްގައި ދިވެހި ރުފިޔާ ވީދާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ ވަނީ 5 ރުފިޔާގެ ދިވެހި ނޫޓެއް އަނގައިން ވީދާލާފައެވެ. މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ގާނޫނީ ގޮތުން ކުށެކެވެ.
މަރުކަޒީ ބޭންކް ކަމަށްވާ މޯލްޑިވްސް މޮނިޓްރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަޔާންކޮށްފައިވާ ގަވާއިދުތަކުގެ ދަށުން، ގަސްތުގައި ދިވެހި ރުފިޔާގެ ނޫޓުތަކަށް ވީދާގެނާއި އެހެނިހެން ގޮތްތުން ގެއްލުންދިނުމަކީ މަނާ ކަމެއްގެ އިތުރުން ގާނޫނީ ގޮތުން ކުށެކެވެ.
ގާނޫނުގައިވާ ގޮތުން، ޣައިރުގާނޫނީ ގޮތެއްގައި އަމަލު ކުރެވިފައިވާ ނޫޓެއް ކަމުގައި ބަލާނީ އާންމު ގޮތެއްގައި ބޭނުންކުރާ ކުރުމުގައި އެއަށް އަންނަ އުނިކަމެއް ފިޔަވައި، އެހެން ގޮތަކުން ނޫޓުގެ ނަންބަރަށް، އަގުބަޔާންކުރާ އަދަދަށް، ނުވަތަ ސޮޔަށް އުނިކަމެއް އަންނަގޮތަށް ގެއްލުމެއް ލިބިފައިވާ ނަމައެވެ. ނުވަތަ އެއްވެސް މީހަކު ގަސްދުގައި އޭގެ ލިޔުމަކަށް، ނުވަތަ އޭގެ ކުރެހުމަކަށް، ނުވަތަ އޭގެ އަސްލަށް އެއްވެސްކަހަލަ ބަދަލެއް ގެނެސްފައިވާ ނޫޓް ތަކަށެވެ.
ރާއްޖޭގެ ޤާނޫނުތައް ބުނާގޮތުން ދިވެހި ފައިސާގެ ނޫޓަކަށް ގެއްލުމެއް ދީފިނަމަ ގަސްދުގައި ދައުލަތުގެ މުދަލަކަށް ގެއްލުންދިންކަމުގެ ޖިނާއީ ދައުވާ އުފުލިދާނެއެވެ. އަދި ޤާނޫނުލް އުގޫބާތުގެ ދަށުން ދައުލަތުގެ ރަސްމީ ލިޔެކިޔުމަކަށް ގެއްލުންދިނުމުގެ ކުށުގެ ޖޫރިމަނާކޮށް ޖަލަށް ލުމުގެ ފުރުސަތުވެސް އޮވެއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އެ މީހާގެ އަމަލުތައް ކުށްވެރިކޮށްފައިވާއިރު، މަރުކަޒީ ބޭންކާއި، ފުލުހުންވެސް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިއީ ޖިނާއީ ބޮޑު ކުށެކެވެ. އެގޮތުން އެންމެ އާމާދީ އެއް ބޮޑު ޤައުމު އަދި ރާއްޖޭގެ އަވައްޓެރި އިންޑިއާއަށް ބެލި ނަަމަވެސް އެ ގައުމުގެ ކަރެންސީއަށް ގެއްލުންދިނުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އެގޮތުން، އިންޑިއަން ރުޕީސްއަށް ގަސްތުގައި ގެއްލުންދީފިނަމަ ބޮޑެތި ޖޫރީމަނާތަކާއެކު، ޖަލު ހުކުމެއް ކުރެވިދާނެކަމަށް ބަޔާންކޮށްފައި އޮވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް