އޮކްޓޫބަރު މަހުގެ ފަހު 6 ދުވަހު 1،472 ކޮންޓެއިނަރު އެމްޕީއެލްއިން ކްލިއަރ ކޮށްފި
އޮކްޓޫބަރު މަހުގެ ފަހު 6 ދުވަހު 1،472 ކޮންޓެއިނަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކްލިއަރ ކޮށްފިއެވެ.
އެމްޕީއެލުން އާންމުކުރި މައުލޫމާތަށް ބަލާއިރު އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށް އެމްޕީއެލްއިން ވަނީ 1،472 ކޮންޓެއިނަރު ކްލިއަރ ކޮށް، ކާގޯ އުފުލާ 486 އުޅަނދު ކްލިއަރ ކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި އެ ކުންފުނިން ކްލިއަރ ކުރި ކޮންޓެއިނަރުތަކުގެ ޖުމްލަ ބަރުދަނަކީ 39،051 ޓަނެވެ. މީގެ އިތުރުން، ރާއްޖެއަށް އާ ކާގޯ އުޅަނދުފަހަރުތަކުން ގެނައި 2،907 ޓަނުގެ ކާގޯ ވެސް އެމްޕީއެލްއިން ވަނީ ކްލިއަރ ކޮށްފައެވެ.
ހަމައެއާއެކު، އެމްޕީއެލްއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގައި 2 ކޮންޓެއިނަރު އުފުލާ ބޯޓަކާއި 5 ކާގޯ އުފުލާ ބޯޓެއް ވަނީ ރާއްޖެއަށް އައިސްފައެވެ.
މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއެއް ސަރުކާރުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. މި މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް ނިންމައި ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފެށުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މި މަސައްކަތް ނިމުމުން އެމްޕީއެލްއިން ކޮންޓެއިނަރުތައް ކްލިއަރ ކުރެވޭ މިންވަރު ބޮޑު ތަނުން އިތުރުވެގެންދާނޭކަމަށް އެމްޕީއެލުން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް