ސީ-ޓު-އެއާ ކާގޯގެ ހިދުމަތުން އޮކްޓޫބަރު މަހު 88 ޓަނުގެ މުދާ އެކްސްޕޯޓް ކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފޯރުކޮށްދެމުންދާ ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ތެރެއިން މިދިޔަ އޮކްޓޫބަރު މަހު 88 ޓަނުގެ މުދާ އެކްސްޕޯޓް ކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސޯޝަލް މީޑިއާގައި ހިއްސާކުރި މިދިޔަ މަހުގެ ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ތަފާސްހިސާބުތަކުންނެވެ.
ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު އަވަހަށް ވައިގެ މަގުން ބޭނުންވާ މަންޒިލަށް ފޯރުކޮށްދިނުމަށް ރާއްޖެއަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 2024 ވަނަ އަހަރުގެ މެއި މަހު ފެށި ހިދުމަތެކެވެ.
މިދިޔަ މަހު ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ތެރެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކޮށްފައިވަނީ، ޤަތަރު އެއާވޭސް، ސްވިސް، އަދި ޓާކިޝް އެއާލައިންސް މެދުވެރިކޮށް އިޓަލީ، ސްވީޑެން، ތުރުކިޔޭ، އެމެރިކާ އަދި ޕޯލެންޑަށެވެ.
މިހާރު އައިއޭފައި ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓުގެ ހިދުމަތް ދެމުންގެންދާ އެއާލައިންތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ އެއާލައިންތައް ހިމެނެއެވެ. އެގޮތުން، ގަލްފް ސަރަހައްދުގެ ނަން މަޝްހޫރު ގަތަރު އެއާވޭސް އާއި އެމިރޭޓްސްގެ އިތުރުން ޔޫރަޕުގެ ނަން މަޝްހޫރު ދެ އެއާލައިނެއް ކަމަށްވާ ބްރިޓިޝް އެއާވޭސް އާއި ވާޖިން އެޓްލާންޓިކުން ވެސް ދަނީ މި ހިދުމަތް ފޯރުދެމުންނެވެ.
ސީ-ޓު-އެއާ ކާގޯގެ ހިދުމަތާއެކު ވީއައިއޭއިން ދެމުންގެންދާ ކާގޯގެ ހިދުމަތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް