އެމް.އެސް.އެމް.އީތަކަށް ޕޯސްޓްގެ ވިއުގަ މެދުވެރިކޮށް ބާޒާރު ފަހިކޮށްދިނުމުގެ ދިރާސީ މަސައްކަތްތަކެއް ފަށައިފި
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމް.އެސް.އެމް.އީ) ޕޯސްޓަލް ވިއުގައިގެ ތެރެއިން އައު ބާޒާރުތައް ހޯދައިދިނުމަށާއި، ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ދިރާސީ މަސައްކަތްތަކެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ބައިނަލްއަޤުވާމީ އިދާރާތައް ގުޅިގެން މިއަދު ފަށައިފިއެވެ.
މި މަސައްކަތަކީ ދުނިޔޭގެ ޕޯސްޓަލް އިދާރާ (ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން - ޔޫ.ޕީ.ޔޫ) އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް (އައި.އެސް.ޑީ.ބީ.އައި) ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މިކަމަށްޓަކައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގައި ބޭއްވި އިފްތިތާޙީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޑރ. ޢަބްދުﷲ ނަޒީރެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނަޒީރު ވިދާޅުވީ، މި މަސައްކަތަށް ބޭނުންވާ ޤާނޫނީ އަދި ރެގިއުލޭޓަރީ ވެއްޓެއް ޤާއިމުކޮށްދީ، ގުޅުންހުރި މުއައްސަސާތައް ވިލަރެސްކުރުމަށް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ދިރާސާއިން ފާހަގަކުރެވޭ ކަންކަން ޢަމަލީ ފިޔަވަޅުތަކަކަށް ބަދަލުކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" އަދި "ޑިޖިޓަލް-ފަސްޓް ނޭޝަން" ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްދާ މަސައްކަތެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގައި ވިޔަފާރިކުރާ ފަރާތްތަކަށް ކަސްޓަމަރުންނާ ހަމައަށް ވާޞިލުވުމަކީ ހަމައެކަނި އޮންލައިން ފިހާރައެއް ހުޅުވުމެއް ނޫނެވެ. އޭގެ ބަދަލުގައި، ފަސޭހައިން ފައިސާ ލިބޭނެ ނިޒާމާއި، ދަތުރުފަތުރާއި، ކަސްޓަމްސް މުޢާމަލާތްތަކާއި، އިތުބާރުހުރި ޑެލިވަރީގެ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބެންޖެހެއެވެ. އެހެންކަމުން، މި އިސްނެގުމުގެ ސަބަބުން ޕޯސްޓަލް ޚިދުމަތްތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތައް އަދި އިސްލާމިކް ފައިނޭންސިން ހިމެނޭހެން މާލީ ޚިދުމަތްތައް ގުޅުވައިދެވި، ކުދި ވިޔަފާރިތަކަށް އުފުލަންޖެހޭ ބުރަ ކުޑަކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ސިޔާސަތުގެ ދަށުން، ގޭގައި ތިބެގެން މަސައްކަތްކުރާ ކަނބަލުންނާއި، ޒުވާނުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވިޔަފާރީގެ ހަމަހަމަ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

ޔޫ.ޕީ.ޔޫގެ ފަންނީ ޓީމެއް ނޮވެމްބަރު 1 އިން 5 އަށް ރާއްޖެއަށް ކުރަމުންދާ މި ދަތުރުގައި، ރާއްޖޭގެ ކަމާގުޅޭ ވުޒާރާތަކާއި ރެގިއުލޭޓަރީ އިދާރާތަކާ ބައްދަލުކޮށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްވަރާތަކަށްފަހު، އެމް.އެސް.އެމް.އީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ޚާއްޞަ ޓެކްނިކަލް އެސިސްޓަންސް ޕްރޮގްރާމްތަކެއް އެކުލަވާލުމަށް ވަނީ ރޭވިފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަފީޤު ވިދާޅުވީ، ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު ޕޯސްޓުގެ ޚިދުމަތްތައްވެސް ޒަމާނީ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ތަޢާރަފުކޮށްފައިވާ "އީ-ޓުކުރި" އަދި "ކޮމިއުނިޓީ އޮންލައިން ޝޮޕް" ފަދަ ޕްލެޓްފޯމްތަކުގެ ޒަރީޢާއިން، އުފެއްދުންތެރިންގެ މުދާ ވިއްކުމުގެ ފުރުޞަތު ފަހިވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުންފުނީގެ އަމާޒަކީ ދުނިޔޭގެ ޕޯސްޓަލް ވިއުގަ މެދުވެރިކޮށް، ދިވެހި އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުތަކަށް ނެރެދިނުމުގައި ފަހިކޮށްދޭ ފަރާތެއްގެ (ޓްރޭޑް ފެސިލިޓޭޓަރ) ދައުރު ފުޅާ ދާއިރާއެއްގައި އަދާކުރުން ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
މި އިފްތިތާޙީ ބައްދަލުވުމުގައި ޔޫ.ޕީ.ޔޫގެ މަންދޫބުންގެ އިތުރުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، މިނިސްޓްރީ އޮފް ފައިނޭންސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ސީ.އޭ.އެމް) އަދި މޯލްޑިވްސް ޕޯސްޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް