މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވޭތުވެދިޔަ ހަފުތާގައި 41،959.34 ފްރައިޓް ޓަނުގެ މުދާ ކްލިއަރކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އެންމެ ގިނައީ ކާބޯތަކެތީގެ އަސާސީ ބާވަތްތައް ކަމަށްވާ ބިހާއި ފިޔާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ މުއްދަތުގައި ޖުމުލަ 1,958 ކޮންޓެއިނަރު ވަނީ ކްލިއަރކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1,472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓެވެ.
މި މުއްދަތުގައި ކްލިއަރކުރި މުދަލުގެ ތެރެއިން 39,051.74 ފްރައިޓް ޓަނަކީ ކޮންޓެއިނަރު ބޯޓުފަހަރުން އެތެރެކުރި މުދަލެވެ. އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2,907.6 ފްރައިޓް ޓަނުގެ މުދާ ކްލިއަރކޮށްފައިވެއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފުތާގައި ކޮންޓެއިނަރު އުފުލާ 2 ބޯޓަކާއި، އާންމު މުދާ އުފުލާ 5 ބޯޓެއް ވަނީ ބަނދަރުކޮށްފައެވެ. އަދި މުދާ ބޭލުމަށްފަހު ކޮންޓެއިނަރު އުފުލާ 4 ބޯޓާއި، އާންމު މުދާ އުފުލާ 8 ބޯޓު ވަނީ ފުރާފައެވެ. މީގެއިތުރުން، ކޮންޓެއިނަރު ހެންޑްލިންގ އޮޕަރޭޝަންތަކުގެ ދަށުން 1,176 ކޮންޓެއިނަރު ބާލައި، 1,963 ކޮންޓެއިނަރު ވަނީ ރީ-އެކްސްޕޯޓްކޮށްފައެވެ. އެހެންކަމުން، މި މުއްދަތުގައި ޖުމުލަ 3,139 ކޮންޓެއިނަރުގެ މޫވްމަންޓް ވަނީ ހިންގާފައެވެ.
ބާޒާރުގައި އަސާސީ މުދަލުގެ ދަތިކަމެއް ނުވާނެހެން، އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމަށް އެމްޕީއެލްއިން ޚާއްސަ އިސްކަމެއް ދެމުންދާއިރު، ފާއިތުވި ހަފުތާގައި އެފަދަ މުދަލުގެ 67,869 ޕެކޭޖް ވަނީ ކާމިޔާބުކަމާއެކު ކްލިއަރކޮށްފައެވެ.
އެންމެ ގިނައިން ކްލިއާކުރި އަސާސީ ކާބޯތަކެތި:
ބިސް: 16,278 ކޭސް
ފިޔާ: 11,519 ބަސްތާ
ކަރާ: 9,133 ކޭސް
އަލުވި: 6,556 ބަސްތާ
ޓޮމާޓޯ: 6,173 ކޭސް
ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިކޮށް، ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު އަންނަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު މި އައު ބަނދަރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށުންކަމަށް ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް