150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމުތަކެއް ގާއިމުކުރަން އެއްބަސްވުމެއް
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 150 މެގަވޮޓްގެ ސޯލާ ޕީވީ އާއި ބެޓެރި އެނާޖީ ސްޓޯރޭޖް އަދި ގްރިޑް އިންޓަގްރޭޝަން ހިމެނޭ ހައިބްރިޑް ނިޒާމުތަކެއް ޕަވާ ޕަރޗޭސް އެގްރީމެންޓް (ޕީޕީއޭ) އުސޫލުން ގާއިމުކުރުމުގެ ފްރޭމްވާކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސްޓެލްކޯ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ގޯޝެން އެނާޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދުގަ އެވެ.
ރާއްޖޭގައި ކަރަންޓު އުފެއްދުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އިމްޕޯޓްކުރާ ތެލަށް ކަމަށްވާއިރު، ތެލަށް ކުރާ ހޭދަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 އިންސައްތައަށް އަރަ އެވެ. މިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 28 ވަނަ ކޮންފަރެންސް އޮފް ޕާރޓީސް (COP28) ގައި ވަޢުދުވެވަޑައިގެންފަ އެވެ. ސަރުކާރުން މިހާރު އަންނަނީ މި އަމާޒަށް ވާސިލުވުމަށްޓަކައި އިޔާދަކުރަނިވި ހަކަތައިގެ ބޮޑެތި މަޝްރޫއުތަކެއް ތަންފީޒު ކުރުމަށް ރާވަމުންނެވެ.
މިގޮތުން، 150 މެގަވޮޓްގެ މި ހައިބްރިޑް ނިޒާމު ކާމިޔާބުކަމާއެކު ގާއިމުކުރެވުމުން، ސަރުކާރުން ކަނޑައަޅާފައިވާ 33 އިންސައްތައިގެ އަމާޒުގެ 60 އިންސައްތަ ހާސިލުކުރެވިގެންދާނެ އެވެ.
މީގެ އިތުރުން، ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހަރަދާއި ދައުލަތުގެ ބަޖެޓުން ކަރަންޓު ސަބްސިޑީއަށް ހޭދަކުރާ މިންވަރުން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވަނީ އަންދާޒާކުރެވިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް