އެމްއެންޔޫއިން ޕްރައިމް ކެއާ އިންވެސްޓްމަންޓް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޕްރައިމް ކެއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ތަޢުލީމީ އަދި ފަންނީ ދާއިރާއިން ދެ މުއައްސަސާ ގުޅިގެން މަސައްކަތްކޮށް، ދަރިވަރުންނަށް ވަޒީފާގެ މާހައުލަށް ބޭނުންވާ ތަޖުރިބާ އާއި ފުރުސަތުތައް ފަހިކޮށްދިނުމެވެ.
މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. އަދި ޕްރައިމް ކެއާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަޙްމަދު މުޙައްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވަރުންނާއި، މުދައްރިސުން އަދި އިސްދަރިވަރުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ. ހާއްސަކޮށް، ފާމަސީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ފަންނީ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން، އަސްލު ފާމަސީ މާހައުލުގައި އަމަލީ ތަމްރީނު ހޯދުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ ދެފަރާތުގެ ދެމެދުގައި ހަމަހަމަކަމާއި އިހްތިރާމާއެކު، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤައުމީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ބޭނުންތަކަށް ފެތޭ ފަދަ ޤާބިލު އަދި ހުނަރުވެރި ދަރިވަރުން ބިނާކުރުމަށްޓަކައި ތައުލީމީ މުއައްސަސާތަކާއި ސިނާއަތްތަކާ ދެމެދު ގާތް ގުޅުމެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކްލާސްރޫމުން އުނގެނޭ ތިއަރީ މައުލޫމާތާއެކު އަމަލީ ތަޖުރިބާ ލިބުމުން، ކުރިމަގުގައި ފާމަސީ ދާއިރާއަށް ނުކުންނަ ހިދުމަތްތެރިންގެ ފެންވަރު ރަނގަޅުވެ، ވަޒީފާގެ އައު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ދެފަރާތުން ވެސް ޤަބޫލުކުރެއެވެ.
މީގެ އިތުރުން، މި އެއްބަސްވުމަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ހާސިލުކުރުމަށް ވެސް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެގޮތުން، ހުނަރުވެރި ފާމަސީ މުވައްޒަފުން ބިނާކޮށް ދުޅަހެޔޮ ސިއްހަތެއް ކަށަވަރުކުރުމާއި (އެސްޑީޖީ 3)، ޢަމަލީ ތަޖުރިބާގެ ތެރެއިން ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމާއި (އެސްޑީޖީ 4)، ޤައުމީ ޔުނިވަރސިޓީއާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން މަސައްކަތްކުރުން (އެސްޑީޖީ 17) މި ޕާޓްނަރޝިޕްގެ ތެރެއިން ފުރިހަމަވެގެންދާނެއެވެ.
މިއީ ސިއްހީ އިލްމުގެ ތައުލީމު ކުރިއަރުވައި ޤައުމީ ތަރައްޤީއަށް ހިއްސާވުމަށް އެމްއެންޔޫއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް