9 އަހަރުގެ އިންތިޒާރަށް ނިމުމެއް؛ ހުޅުމާލޭގެ ވޯޓަރ ތީމް ޕާކު މަޝްރޫއު އަލުން ފަށައިފި
އެކި ސަބަބުތަކާ ހުރެ ގާތްގަނޑަކަށް ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭ ވޯޓަރ ތީމް ޕާކު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ޒަމާނީ ރިސޯޓް ހޮޓަލެއް ހިމެނޭ ފުޅާ މާސްޓަރ ޕްލޭނެއްގެ ދަށުން އަލުން ފަށައިފިއެވެ.
ސޮލެންޒަރާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ޑިވެލޮޕްކުރާ މި މަޝްރޫޢުގެ މަސައްކަތް 2017 ވަނަ އަހަރު ފެށުނު ނަމަވެސް، އޭގެ ފަހުން މަޑުޖެހިފައި އޮތެވެ. އެޗްޑީސީން ބުނީ 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމައިލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ޖުމްލަ 41,549.7 އަކަމީޓަރުގެ މި މަޝްރޫޢު ދެ ބަޔަކަށް ބެހިގެން ކުރިއަށް ގެންދާއިރު، ފުރަތަމަ ބަޔަކީ 17,800 އަކަމީޓަރުގެ ވޯޓަރ ތީމް ޕާކެވެ. ދެވަނަ ބަޔަކީ 23,749.7 އަކަމީޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ "ވޯކޯ ރިސޯޓް ހޮޓެލް" އެވެ.
ހުޅުމާލޭ އައްސޭރިފަށުގައި މޫދާ ގުޅޭ ގޮތަށް ތަރައްޤީކުރާ ތީމް ޕާކުގައި 11 ވޯޓަރ އެޓްރެކްޝަނާއި 30 ވަސީލަތް ހިމެނެއެވެ. އޭގެ ތެރޭގައި އަށް ވޯޓާ ސްލައިޑުގެ ކޮމްޕްލެކްސްއަކާއި، 290 މީޓަރުގެ "ލޭޒީ ރިވަރ" އަކާއި، 900 އަކަމީޓަރުގެ ވޭވް ޕޫލަކާއި، 1,900 އަކަމީޓަރުގެ "ސްޕްލޭޝް ޕެޑް" އަކާއި ކުޑަކުދިންނާއި އާއިލާތަކަށް ޚާއްޞަ ޕޫލްތަކާއި ސްލައިޑްތައް ހިމެނެއެވެ. މޫދު ފެންނަ 230 އަކަމީޓަރުގެ "އިންފިނިޓީ ބަބްލް ޕޫލް" އަކާއި މޫދު މަތީ އިންފްލޭޓަބަލް ގޭމްސްގެ އިތުރުން ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް ވެސް ހެދުމަށް ރޭވިފައިވެއެވެ. ޕާކުގެ 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތުގެ އިތުރުން ފަސް ފަންގިފިލާގެ އޮފީސް އެކޮމޮޑޭޝަން ބްލޮކެއް، ރެސްޓޯރެންޓެއް، ފޮޓޯ ނެގުމަށް ޚާއްޞަ ތަންތަން، މަލްޓިމީޑިއާ ޒޯނެއް އަދި ޕާކިންގ ޖާގަތައް ވެސް މާސްޓަރ ޕްލޭންގައި ހިމެނެއެވެ.
ތީމް ޕާކާ ގުޅިގެން ހަދާ ވޯކޯ ރިސޯޓް ހޮޓެލްގައި 250 ކޮޓަރި އާއި ސުއިޓް، 95 ސާވިސްޑް އެޕާޓްމަންޓް، 15 ލޯންގް-ސްޓޭ އެޕާޓްމަންޓް އަދި ބީޗް ފްރަންޓް ތިން ވިލާ ހިމެނެއެވެ. ހަމައެއާއެކު 2,942 އަކަމީޓަރުގެ ރީޓެއިލް ޖާގައާއި ވައިރަލް މާކެޓެއް، ހަ ފަންގިފިލާ އާއި ތިން ފަންގިފިލާގެ ދެ އޮފީސް ޢިމާރާތް، އަދި 61 ކާރާއި 230 ސައިކަލަށް ބޭސްމަންޓް ޕާކިން ހަމަޖެއްސުން ވެސް ޕްލޭންގައި ހިމެނެއެވެ.
ހުޅުމާލޭގައި ހުއްޓިފައި ހުރި ބޮޑެތި މަޝްރޫޢުތައް އަލުން ހިންގުމަށް އެޗްޑީސީން ކުރާ މަސައްކަތުގެ ތެރެއިން 21 އަހަރު ހުއްޓިފައި އޮތް ސިޓީ ހޮޓެލް ނިންމައި މިހާރު ޚިދުމަތް ދެމުން އެބަ ގެންދެއެވެ. ހަމައެހެންމެ 2017 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތް ރީތިގަސް މަޝްރޫޢު ނިންމައި މީހުން ދިރިއުޅެން ފެށި އިރު، ދި ގާޑަން މަޝްރޫޢު ވެސް ވަނީ ނިމިފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރުން ފެށިގެން ބޭނުންނުކޮށް ހުރި ވާޓިކަލް ޕާކިން ނިޒާމުތައް ރީކޮމިޝަންކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް