ބޯގޮވާފައި އިން މީހަކު-
ބޯގޮވާފައި އިން މީހަކު-
ލައިފްސްޓައިލް 26 Nov 2026 | 09:12

ނުނިމި ހުރި މަސައްކަތްތައް ގިނަކަމުން ބޯގޮވާތަ؟ މިއީ އެކަމުން ސަލާމަތްވުމަށް އެޅިދާނެ 5 ފިޔަވަޅެއް

ގޭގައި އަރާމުކުރަން އިންނަ ވަގުތުވެސް ނުނިމި ހުރި ކަންކަމާ މެދު ވިސްނޭތަ؟ އޭގެ ސަބަބުން ނިދަން އުނދަގޫވެ ބޮލުގައި ރިހޭތަ؟ އެހެން ކަމަށްވާނަމަ، ތިއީ "ޒައިގާނިކް އިފެކްޓް"ގެ ސަބަބުން ވާ ގޮތަކަށް ވެދާނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ނުނިމި ހުންނަ ކަންކަމަކީ އަހަރެމެންގެ ސިކުނޑި ވަރުބަލިކޮށް، ފޯކަސް ގެއްލުވާލާ ކަންކަމެވެ. ނަމަވެސް އޮފީހުގެ މާހައުލުގައި، ނުވަތަ ގޭގައި ވިޔަސް އެއް މަސައްކަތް ނިމޭއިރަށް އަނެއް މަސައްކަތް ފެށި، ނުވަތަ އެއްފަހަރާ އެތައް ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ޖެހެއެވެ.

"ޒައިގާނިކް އިފެކްޓް" އަކީ ކޮބާ؟

މީގެ ގާތްގަނޑަކަށް 100 އަހަރު ކުރިން، 1927 ވަނަ އަހަރު ރަޝިޔާގެ ނަފްސާނީ އިލްމުވެރިއެއް ކަމަށްވާ ބްލޫމާ ޒައިގާނިކް ވަނީ މުހިންމު ދިރާސާއެއް ޝާއިއުކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މީހުންނަށް ފުރިހަމަކުރެވުނު މަސައްކަތްތަކަށް ވުރެ ބޮޑަށް ހަނދާނުގައި ހުންނަނީ މެދުކެނޑިފައިވާ ނުވަތަ ނުނިމި ހުންނަ މަސައްކަތްތަކެވެ.

މިއީ ޓީވީ ސީރީޒްތައް ބަލާއިރު ނުވަތަ ދިގު ވާހަކައެެއް ކިޔާއިރު ވާގޮތާ ވެސް އެއްގޮތް ކަމެކެވެ. ވާހަކަ ނުނިމި ވަކި ހިސާބަކުން މެދުކެނޑުމުން، ދެން ވާނެ ގޮތެއް ބަލަން ސިކުނޑި އެދިއެދި ހުރެއެވެ.

އެހެންކަމުން މި ލިޔުމުގައި މި ހިމަނާލަނީ ނުނިމި ހުރި މަސައްކަތްތަކުގެ ބުރައިން ސިކުނޑި ސަލާމަތްކޮށް، ދުވަހުގެ ނިމުމުގައި ހަމަޖެހިލުމަށް އެޅިދާނެ 5 ފިޔަވަޅެވެެ.

1. ކަންކަން ފުރިހަމަކުރާނެ ޕްލޭނެއް ހަދާލައި، އެ ލިޔެލުން

މަސައްކަތްތައް ނުނިމި ހުރުމަކީ އަމިއްލަ ނަފްސުގެ ގާބިލުކަމާމެދު ޝައްކު އުފެދޭ ކަމެކެވެ. ނަމަވެސް ޕްރޮފެސަރު ސައިރެކް ވިދާޅުވާ ގޮތުގައި، ކޮންމެހެން ހުރިހާ މަސައްކަތެއް ވަގުތުން ނިންމާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި، ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތްތައް ނިންމާނެ ޕްލޭނެއް ކަރުދާހުގައި ލިޔެލާށެވެ. ލިޔެވިފައި އޮތުމުން ސިކުނޑިއަށް ޔަގީންކަން ލިބި، އެކަމާ މެދު ތަކުރާރުކޮށް ވިސްނުން ހުއްޓުވައިދޭނެއެވެ. އަދި ހެނދުނު މަސައްކަތް ފަށާއިރު އެންމެ އިސްކަންދޭނެ ކަންކަން ތަރުތީބު ކުރުމަކީ ވެސް ދުވަސް އޮމާންކޮށް ގެންދަން އެހީވާ ކަމެކެވެ.

2. އޮފީސް ގަޑީގެ ބޭރުން އީމެއިލް އަދި މެސެޖުތައް ބެލުން މަދުކުރުން

ފޯނުގައި ހުންނަ އެޕްލިކޭޝަންތަކުގެ ސަބަބުން އަބަދުވެސް ވަޒީފާގެ މަސައްކަތުގައި ތިބެން މަޖުބޫރު ކުރުވައެވެ. މިކަމުގެ ސަބަބުން އާއިލީ ގުޅުންތަކަށް ބުރޫއަރައި، ސްޓްރެސް ބޮޑުވެއެވެ. މިކަމުން ސަލާމަތްވުމަށް އޮފީސް ގަޑި ނިމުމުން އީމެއިލް ނުބެލުމަށް ނިންމާށެވެ. ނުވަތަ މެސެޖުތައް ބަލާނެ ވަކި ހާއްސަ ވަގުތުތަކެއް ކަނޑައަޅާށެވެ. ހާއްސަކޮށް ޗުއްޓީ ދުވަސްވަރު މަސައްކަތާ މުޅިން ވަކިވެލުމަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ.

3. އެއްފަހަރާ އެއް މަސައްކަތް ކުރުމަށް އިސްކަންދިނުން (ސިންގަލް-ޓާސްކިންގ)

ކޮމްޕިއުޓަރުން ގިނަ ޓެބްތައް ހުޅުވައިގެން އެއްފަހަރާ އެތައް ކަމެއް ކުރަން އުޅުމަކީ މައުލޫމާތުތަކުން ސިކުނޑި ތޮއްޖެހޭ ކަމެކެވެ. ކޮގްނިޓިވް ސައިންސްގެ އެސިސްޓެންޓް ޕްރޮފެސަރ ޖޯން އޮންގްޗޮކޯ ވިދާޅުވާ ގޮތުގައި، އެއް މަސައްކަތުން އަނެއް މަސައްކަތަށް ބަދަލުވާއިރު ސިކުނޑިއަށް ބޮޑު ބުރައެއް އުފުލަން ޖެހެއެވެ. ވީވަރަކުން އެއް މަސައްކަތް ނިންމުމަށްފަހު އަނެއް މަސައްކަތަށް ދިއުމަށް އާދަކުރާށެވެ. ސިކުނޑީގައި ހުޅުވިފައިވާ ކޮންމެ "ފައިލެއް" ލައްޕާލުމަކީ ހަށިގަނޑަށް އާ ދިރުމެއް ލިބޭނެ ކަމެކެވެ.

4. މާހައުލު ބަދަލުކުރުން

މަސައްކަތް ނިމުނުކަން ސިކުނޑިއަށް އަންގައިދިނުމަށްޓަކައި މާހައުލު ބަދަލުކުރުމަކީ އެހީތެރިވެދޭނެ ކަމެކެވެ. ގޭގައި މަސައްކަތް ކުރާ މީހެއްނަމަ، މަސައްކަތް ނިންމާލުމަށްފަހު ކައިރި ޕާކަކަށް ނުވަތަ ފިހާރައަކަށް ހިނގާލަން ދިއުން، ނުވަތަ އެހެން ކޮޓަރިއަކަށް ބަދަލުވުން ފަދަ ކަންކަން ކުރެވިދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އެއް ކޮޓަރީން ނިކުމެ އަނެއް ކޮޓަރިއަށް ދިއުމަކީވެސް ކުރީގެ ހަނދާންތައް ފޮހެލައި، އައު ކަންކަމަށް ސިކުނޑިން ޖާގަ ހުސްކޮށްދޭ ކަމެކެވެ. އަދި ލެޕްޓޮޕް ފެންނަން ނުހުންނާނެ ގޮތަށް އެހެން ތަނެއްގައި ބެހެއްޓުމަކީ މަސައްކަތާ ނަފްސާނީ ދުރުމިނެއް އުފެއްދުމަށް އެހީވާ ކަމެކެވެ.

5. ނުނިމި ހުރި ކަންކަން، އައު ހިތްވަރަކަށް ބަދަލުކޮށްލުން (އޮވްސިއަންކިނާ އިފެކްޓް)

މަސައްކަތްތައް ނުނިމި ހުރުމުން މާޔޫސްވުމުގެ ބަދަލުގައި، "އޮވްސިއަންކިނާ އިފެކްޓް" (Ovsiankina effect) ބޭނުންކުރެވިދާނެއެވެ. މިއީ މީހުން ނުނިމި ހުންނަ މަސައްކަތްތައް ނިންމާލުމަށް ޝައުގުވެރިވާ ޝައުގުވެރިވުމެވެ. އެހެންކަމުން، ބްރައުޒާގައި ހުޅުވިފައި ހުންނަ ޓެބްތައް ފެނުމުން ބިރުގަތުމުގެ ބަދަލުގައި، އެއީ މަސައްކަތް އަލުން ފަށައި ނިންމާލުމަށް ލިބޭ ހިތްވަރެއްގެ ގޮތުގައި ދެކޭށެވެ.

ނުނިމި ހުންނަ މަސައްކަތްތަކަކީ އަބަދުވެސް އަޅުގަނޑުމެންގެ ސަމާލުކަން ދަމައިގަންނާނެ ކަންކަމެވެ. މުހިންމީ އެކަންކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށާއި އާއިލީ ދިރިއުޅުމަށް ބުރޫނާރާނެ ގޮތަކަށް، އަޅުގަނޑުމެންގެ ސިކުނޑި ކޮންޓްރޯލް ކުރަން ދަސްކުރުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް