ބޭއަދަބީ ވީޑިއޯ ޕޯސްޓް ކުރުމުން ”ހަދިޔާ“ އަކަށް ދައުލަތުގެ މީޑިއާގެ ސެލެބްރިޓީ ގެސްޓަކަށް؛ މުޖުތަމަޢު އިސްލާހްކުރާނީ ދެން ކިހިނެއް؟
ޓެކްނޮލިޖީގެ ގޮތުން ދުނިޔެ ކުރިއަރާފައިވާ މިޒަމާނުގައި މީސްމީޑިއާގެ އެކިއެކި ވަސީލަތްތަކަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންވެސް ބޭނުންކުރާ، އޭގެ އަސަރު، މުޖުތަމަޢުގެ ފިކުރާއި، އަޚްލާޤަށް ގެނުވާފައިވާ އެއްޗެކެވެ. މީގެ ތެރެއިން ވެސް "ޓިކްޓޮކް" ފަދަ ޕްލެޓްފޯމްތަކަކީ މީހުންގެ ސަމާލުކަން ހޯދުމަށް އެންމެ ބޮޑަށް ފަހިވެފައިވާ އެއް މަގެކެވެ.
ނަމަވެސް ހިތާމައަކީ، މަޝްހޫރުކަމާއި މާލީ މަންފާއަށްޓަކައި އަމިއްލަ އަބުރާއި ޢިއްޒަތް ޤުރުބާންކޮށް، ދަށު ދަރަޖައިގެ ޢަމަލުތައް ކުރުން މިއަދު ދިވެހި މުޖުތަމަޢުގައި ކަންބޮޑުވާންޖެހޭ މިންވަރަށް ޢާންމުވެފައިވުމެވެ. އަދި މިއަށްވުރެ ބޮޑު ކަންބޮޑުވުމަކީ މިފަދަ ނުރަނގަޅު ކަންކަމަށް ހިތްވަރު ލިބޭގޮތަށް ދައުލަތުގެ މީޑިއާގެ ދައުރު ބައްޓަންވަމުން ދިޔުމެވެ.
އެގޮތުން މިއަދުވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއް ކަމަކީ އެފަދަ މައްސަލައެވެ.
މިފަހުން ސޯޝަލްމީޑިއާގައި އެންމެ ހޫނުވި އެއް މައުޟޫޢަކީ ޓިކްޓޮކް މެދުވެރިކޮށް މީހަކަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށްޓަކައި ކުރި ބޭއަދަބީ އަދި ލަދުވެތި ޙަރަކާތްތަކެއް ދައްކުވައިދޭ ވީޑިއޯއެކެވެ. މި ވީޑިއޯ ވައިރަލްވެގެން ދިޔުމާއެކު، ޢާންމުންގެ އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އެކަމަށް އަމާޒުވިއެވެ. ގިނަ ބަޔަކު ދެކުނު ގޮތުގައި، ކިތަންމެ ބޮޑު މާލީ ފައިދާއެއް ލިބުނު ކަމުގައި ވިޔަސް، ނުވަތަ މީސްތަކުންގެ ސަމާލުކަން ހޯދަން ބޭނުންވި ނަމަވެސް، އެފަދަ ދަށު ދަރަޖައަކަށް އިންސާނަކު ވެއްޓިގެން ނުވާނެއެވެ. އަދި ހަމައެއާއެކު، އިސްލާމީ ރިވެތި އަޚްލާޤާއި ދިވެހިންގެ ސަޤާފީ މިންގަނޑުތަކާ ޚިލާފު މިފަދަ ކަންކަން މީހުން ލައްވާ ކުރުވުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ޢާންމުން އަޑުއުފުލިއެވެ.
ނަމަވެސް، ޙައިރާންވާންޖެހުނު ކަމަކީ އެ ބޭއަދަބީ ޢަމަލު ހިންގި ވީޑިއޯގެ މައްސަލާގައި އާއްމުންގެ ރުޅި ފަޅައިގެންދާ ހިސާބުގައި ތިއްބާ ދައުލަތުގެ މީޑިއާއިން ފެނިގެންދިޔަ މަންޒަރެވެ.
އިއްޔެ މުޅި ސޯޝަލް މީޑިއާގައި އޭނާގެ ދަށު ދަރަޖައިގެ ޢަމަލުތަކުގެ ވާހަކަ ދެކެވި، ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިއަދު މިފެނުނީ ދައުލަތުގެ ޒިންމާދާރު އެއް މީޑިއާ ކަމަށްވާ "ދިއެފްއެމް" ގެ ޚާއްޞަ ޕްރޮގްރާމެއްގައި އޭނާ "ސެލެބްރިޓީ" އެއްގެ ގޮތުގައި އިށީނދެ އިން މަންޒަރެވެ.
މުޖުތަމަޢު ފަސާދަކުރުމުން ދައުލަތުގެ މީޑިއާއިން ދިން ހަދިޔާއަކީ މިއީ ހެއްޔެވެ؟
މިއީ ހަޤީޤަތުގައި ވެސް ކަންބޮޑުވާންޖެހޭ ސީރިއަސް މައްސަލައެކެވެ. މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ހިފަހައްޓައި، އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އެންމެ އިސް ވާޖިބު އޮތް ދައުލަތުގެ ޗެނަލްތަކުން މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ޕްރޮމޯޓްކޮށް، އެމީހުންނަކީ ”ތަރިން“ ކަމުގައި ދައްކަން މަސައްކަތް ކުރާހާ ހިނދަކު، މުޖުތަމަޢުގައި މިފަދަ ނޭދެވޭ ކަންކަން ދާނީ އިތުރުވަމުންނެވެ. ޅަޒުވާނުންނަށް މިއިން ދެވޭ މެސެޖަކީ، ކޮންމެ ފަދަ ހުތުރު ޢަމަލެއް ކޮށްގެން ނަމަވެސް މަޤްބޫލުކަން ހޯދައިފިނަމަ، އެމީހަކީ މުޖުތަމަޢު ބަލައިގަންނަ "ސެލެބްރިޓީއެއް" ކަމެވެ. މިފަދަ ވިސްނުންތައް މުޖުތަމަޢުގައި އަށަގަންނަވާނަމަ، ދެން މި ޤައުމު އިސްލާޙު ކުރާނީ ކިހިނަކުން ހެއްޔެވެ؟
ދައުލަތުގެ މީޑިއާތައް ހިންގަނީ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. ރައްޔިތުންގެ ފައިސާ މި ތަންތަނަށް ހޭދަކުރަނީ ދީނީ ދައުވަތު ފެތުރުމަށާއި، ޤައުމު ބިނާކުރުމަށާއި، އަދި މުޖުތަމަޢަށް ފައިދާހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. އަޚްލާޤިއްޔާތުން ބޭރުވެފައިވާ ކަންކަން އިޝްތިހާރުކޮށް، ގޯސް ކަންކަމަށް ފެތުރުމަކަށް ނޫނެވެ. ދައުލަތުގެ މީޑިއާގެ ޒިންމާ އަދާކުރަން ނޭނގޭނަމަ، އަދި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާމަށް ބެލުމެއް ނެތި "ވިއުސް" އާއި "ރޭޓިންގ" ފަހަތުން ދުވާނަމަ، ރައްޔިތުންގެ ފައިސާ އިސްރާފު ނުކޮށް އެ ތަންތަން ބަންދުކޮށްލާފައި ގޭގައި ތިބުން ވެސް މާ ރަނގަޅުވާނެ ކަމަށް މިއަދު ޢާންމުން ބުނަމުންދަނީ މި ސަބަބާ ހުރެއެވެ.
ދިވެހި މުޖުތަމަޢު ފަސާދައިގެ ތެރެއަށް ވެއްޓިގެން ދިޔުމުގެ ކުރިން، ދައުލަތުގެ މީޑިއާތަކުގެ ޒިންމާދާރުކަން ކަށަވަރުކުރަން ޖެހެއެވެ. ކޮންޓެންޓް ގެނެސްދިނުމުގައި ވަކި ހަމަތަކަކާއި އުޞޫލުތަކެއް ހިފަހައްޓަން ޖެހެއެވެ. އަޚްލާޤީ މިންގަނޑުތަކަށް ގޮންޖަހާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ބަދަލުގައި، މުޖުތަމަޢަށް ރިވެތި ނަމޫނާ ދައްކާ ފަރާތްތަކުގެ އަގު ވަޒަންކުރަން ދަސްކުރަން ވެއްޖެއެވެ. ނޫންނަމަ، ކުރިމަތިލާން ޖެހޭނީ އަޚްލާޤީ ގޮތުން ފުނޑުފުނޑުވެފައިވާ، އަދި އިސްލާޙު ކުރަން ނުކުޅެދޭ ފަދަ އަނދިރި މުސްތަޤުބަލަކާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް