ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީ.އެސް.ސީ) ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން، ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބާއްވައިފި އެވެ.
މެންބަރު ގައުމުތަކުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި ސެކިއުރިޓީގެ އިސް އޮފިޝަލުންނާއިއެކު ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ސަރަހައްދީ ސަލާމަތާ ގުޅުންހުރި އިސްކަންދޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިއްސާވާ އަދި އުފެދެމުންދާ ނުރައްކާތަކާ ކުރިމަތިލުމުގައި ދޭ އެއްބާރުލުން ވަރުގަދަކުރުމެވެ. ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް އަކީ އިންޑިއާ، ދިވެހިރާއްޖެ، މޮރިޝަސް، ސްރީލަންކާ، ބަންގްލަދޭޝް، އަދި ސީޝެލްސް ހިމެނޭ ސަރަހައްދީ ސަލާމަތީ އެއްބާރުލުން ދިނުމުގެ މަންސައެކެވެ.

މި ކޮންކްލޭވްގެ ދަށުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވަނީ ފަސް ތަނބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ، ކައުންޓަރ ޓެރަރިޒަމް އެންޑް ރެޑިކަލައިޒޭޝަން، ޓްރެފިކިންގ އާއި ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްއާ ދެކޮޅަށް މަސައްކަތްކުރުން، ސައިބަރ ސެކިއުރިޓީ އެންޑް ދަ ޕްރޮޓެކްޝަން އޮފް ކްރިޓިކަލް އިންފްރާސްޓްރަކްޗަރގެ އިތުރުން ހިއުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފެވެ.
މިބައްދަލުވުމުގައި ދިވެހިރާއްޖެއާއި އިންޑިއާގެ އިތުރުން ސްރީލަންކާ އަދި ބަންގްލަދޭޝްގެ މަތީ ފަންތީގެ ވަފުދުތަކުން ބައިވެރިވެފައިވާއިރު، މެހެމާން ގައުމުތަކުގެ ގޮތުގައި ދައުވަތުދެވިގެން އޮސްޓްރޭލިއާ އަދި މެލޭޝިއާގެ ވަފުދުތައް މި ބައްދަލުވުމުގައި ބައިވެރިވެފައިވެ އެވެ. މިބައްދަލުވުން މިއަހަރު ދިވެހިރާއްޖޭގައި ބާއްވާފައިމިވަނީ މިދިޔަ އަހަރު އިންޑިއާގައި ބޭއްވި 7 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމުގައި ނިންމި ނިންމުމާ ގުޅިގެންނެވެ.

މި ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، ޙަސަން ރަޝީދު ދެއްވި ޚާއްޞަ ޚިޠާބުގައި، ޤާނޫނާ ޚިލާފަށް، ރިޕޯޓުނުކޮށް، އަދި ރެގިއުލޭޓް ނުކުރެވި ކުރާ މަސްވެރިކަމާއި، ޓެރަރިޒަމާއި، ހަރުކަށި ފިކުރުގެ އިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަކީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި މެންބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތައްކަން ފާހަގަކުރައްވައި، އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވި އެވެ.
ދިވެހިރާއްޖޭގެ ސެކިއުރިޓީ ދާއިރާގެ އެންމެ އިސްވެރިންވެސް ހިމެނުނު ރާއްޖޭގެ ވަފުދުގެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ޑީ.ސީ (ރޓ)، ލޓކލ (ރޓ) އިބްރާހިމް ލަޠީފެވެ.

މި ބައްދަލުވުމުގައި ލަތީފް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާއި "މޯލްޑިވްސް ފަސްޓް" ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތީ ނިޒާމު ހަރުދަނާކުރުމަށް ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިސްތިރާޖީ ގޮތުން މުހިންމު މަންސައެއްކަން ފާހަގަކުރެއްވި އެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި އަދި އެހެނިހެން ސަލާމަތީ އިދާރާތަކުގެ ބައިވެރިވުމާއެކު ކޮންކްލޭވްގެ ދަށުން ހިންގާ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި ތަމްރީނުތަކުގެ ސަބަބުން، ރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލުކަމާއި އޮޕަރޭޝަނަލް ރެޑިނެސް އިތުރުކުރުމަށް ފާހަގަކޮށްލެވޭފަދަ އެހީތެރިކަމެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ކޮންކްލޭވްގެ ފަސް ތަނބުގެ ސަބަބުން، ގާތުން ވިލަރެސްކުރުމާއި، މަޢުލޫމާތު ޙިއްސާކުރުމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުންތައް މެދުވެރިކޮށް، އަވަށްޓެރި ޤައުމުތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާކުރުމަށް ޢަމަލީ އޮނިގަނޑެއް ލިބިދޭކަމުގައި ލަޠީފް ވިދާޅުވި އެވެ. އަދި މި އެއްބާރުލުމުގެ ސަބަބުން ކަމާގުޅޭ އިދާރާތަކުގެ މެދުގައި ސީދާ މުޢާމަލާތްކުރުމަށް މަގުފަހިވެ، ކުއްލި ޙާލަތްތަކުގައި ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި ގުޅިގެން ފިޔަވަޅު އެޅުމަށް ފަސޭހަވެގެންދާނެކަން ވެސް އެ ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުން ނިންމާލުމުގެ ގޮތުން، ދިވެހިރާއްޖެ ހިމެނޭހެން މެންބަރު ޤައުމުތަކުން ވަނީ، ބައްދަލުވުމުގެ މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންކަން ހިމަނައިގެން ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ. އަދި ކޮންކްލޭވްގެ ފަސް ތަނބު ކުރިއެރުވުމަށާއި، ޞުލްޙަވެރި، ރައްކާތެރި އަދި ވިލުންތެރި އިންޑިއާ ކަނޑުގެ ސަރަޙައްދެއް ބިނާކުރުމަށް ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމުގައި، މެންބަރު ޤައުމުތަކުގެ މެދުގައި މެދުނުކެނޑި ގުޅުންބަދަހިކުރުމުގެ މުހިންމުކަން މި ބައްދަލުކުރުމުގައި އަލުން ކަށަވަރުކޮށްދީފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް