އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބުކޮށްފި
ޔޫއެން-އެސްކެޕްގެ ދަށުން ހިންގާ އޭޝިއަން އެންޑް ޕެސިފިކް ސެންޓަރ ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ޑިޒާސްޓަރ އިންފޮމޭޝަން މެނޭޖްމަންޓް (އަޕްޑިމް)ގެ ގަވަރނިންގ ބޯޑުގެ ރިޔާސަތު ބެލެހެއްޓުމަށް ރާއްޖެ މިއަދު އިންތިޚާބުކޮށްފިއެވެ.
ހުޅުމާލޭ މެންހަޓަން ގްރޭންޑްގައި ބޭއްވި އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ 11 ވަނަ ބައްދަލުވުމުގައި ރާއްޖެއަށް މި ޗެއާ ލިބުމާ ގުޅިގެން، ރާއްޖޭގެ ފަރާތުން ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އައިޝަތު ފަސޫރާއެވެ.
އޭޝިޔާއާއި ޕެސިފިކް ސަރަޙައްދުގެ 11 ޤައުމެއް ހިމެނޭ އަޕްޑިމް ޚާއްޞަވަނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާއަށެވެ. އެ ޖަމިއްޔާގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި އެކި މުއައްސަސާތަކުގައި ހުރި ކާރިސީ މަޢުލޫމާތު އެއް ތަނަކުން ލިބޭނެ ނިޒާމެއް ޤާއިމުކުރުމާއި، ސިޔާސަތު ކަނޑައެޅުމުގައި ޑާޓާގެ ބޭނުން ހިފުމަށް ބާރުއެޅުން ހިމެނެއެވެ.
މީގެ އިތުރުން މެންބަރު ޤައުމުތަކަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގައި ފަންނީ ޤާބިލުކަން އިތުރުކުރުމަކީ ވެސް އަޕްޑިމްގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަޕްޑިމް ހިންގަނީ އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން-އެސްކެޕް)ގެ ދަށުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް