ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުޅުމާލެއިން ހައްޔަރުކޮށްފި؛ ތިން ބަޔޮނެޓް ފެނުނު
ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބުނީ 2026 ނޮވެމްބަރު 25 ވަނަ ދުވަހުގެ ރޭ ކަމަށެވެ. އެ މަޢުލޫމާތާ ގުޅިގެން އެ ރޭ 22:50 އެހައިކަންހާއިރު ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.
ފުލުހުން އެ ސަރަޙައްދަށް ގޮސް ބެލިބެލުމުގައި، އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާ ކަމަށާ އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އެ ސަރަޙައްދުން އިތުރު ދެ ބަޔޮނެޓް ވެސް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެ ސަރަޙައްދުން ފެނުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް