ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ މުބާރާތް "ޑީއެމްޖީސީ" މިރޭ ކަލާފާނު ސްކޫލުގައި ފަށަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ މުބާރާތް ކަމަށްވާ "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" (ޑީއެމްޖީސީ) މިރޭ ކަލާފާނު ސްކޫލުގައި ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި މިފަހަރު 2،000 އަށްވުރެ ގިނަ ގޭމް ކުޅުންތެރިން ވާދަކުރާއިރު، މިއީ މިދިޔަ އަހަރު ބައިވެރިވި 1،500 ކުޅުންތެރިންނާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މި އަހަރުގެ މުބާރާތުގެ އެންމެ ހާއްސަ އެއް ކަމަކީ ޖުމްލަ 150،000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމެއް ކަނޑައެޅިފައިވުމެވެ. އާންމު ހުރިހާ ފަރާތްތަކަށް ވެސް މުޅިން ހިލޭ ވަދެވޭ ގޮތަށް ހުޅުވާލާފައިވާ މި އިވެންޓަކީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
މޯބައިލް، ޕީ.ސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް ބޭންގ ބޭންގ، އަދި ރޮކެޓް ލީގްގެ ފޯރިގަދަ ފައިނަލް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އީ.އޭ ސްޕޯޓްސް އެފް.ސީ 27 އަދި ޓެކެން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތާއި އެކަމާ ގުޅޭ ތަފުސީލުތައް ކުރިއަށް އޮތް ވަގުތުތަކުގައި އިއުލާނު ކުރާނެއެވެ.
ވާދަވެރި މެޗުތަކުގެ އިތުރުން، އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް މުނިފޫހިފިލުވުމުގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ވާޗުއަލް ރިއަލިޓީ (ވީ.އާރު)، ރޭސިންގ ސިމިއުލޭޓަރ އަދި މަޝްހޫރު ޓޭބަލްޓޮޕް ގޭމެއް ކަމަށްވާ "ޑަންޖަންސް އެންޑް ޑްރެގަންސް" (ޑީ.އެންޑް.ޑީ) ފަދަ ކުޅިވަރުތައް ތަޖުރިބާކޮށްލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއަރުވައި، ގޭމިންގ ދާއިރާ ބާރުވެރިކުރުމަށް ޑީ.ޖީ.ޖީ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ޑީ.ޖީ.ޖީގެ ކުރިއަށް ހުރި ހަރަކާތްތަކުގެ ތަފުސީލުތައް dgg.mv ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް