ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026ގެ ބިބް އެކްސްޕޯ ފޯރިއާއެކު ކުރިއަށް؛ ކިޓް ދޫކުރުމުގެ މުއްދަތު އިތުރުކޮށްފި
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2026" ގެ ބިބް އެކްސްޕޯ ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ދިރާގުން މަޢުލޫމާތުދިންގޮތުގައި، މި އެކްސްޕޯ ކުރިއަށްދަނީ މާލޭގައި ހުންނަ ދިރާގު ހެޑް އޮފީސް ކައިރީގައި އޮންނަ ބީޖީ ޓާފް ދަނޑުގައެވެ. އަދި ދުވުންތެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މިހާރު ވަނީ މި ހިނގާ ނޮވެންބަރު މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އެކްސްޕޯގެ ތެރެއިން ބިބް އަދި ރޭސް ކިޓް ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:
14 ނޮވެންބަރު 2026: މެންދުރު ފަހު 4:00 އިން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށް.
15 ނޮވެންބަރުން 18 ނޮވެންބަރު 2026 އަށް: ހެނދުނު 10:00 އިން މެންދުރު 12:00 އަށް، މެންދުރު 2:00 އިން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށް.
ދިރާގުން ބުނި ގޮތުގައި، ދުވުންތެރިންނަށް ދޫކުރާ ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިންގ ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ. އަދި ރޭސް ކިޓާ ޙަވާލުވުމަށް އަންނައިރު، ކަށަވަރު ކުރުމުގެ ގޮތުން ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މިއަހަރުގެ ބިބް އެކްސްޕޯ ރޭވިފައިވަނީ ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު އަދި ހިތްގައިމު ތަޖުރިބާތަކެއް ފޯރުކޮށްދެވޭނެ ފަދަ މާހައުލެއްގައެވެ. އެގޮތުން، އެކި ވައްތަރުގެ ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން، ދުވުންތެރިންނަށް ޚާއްޞަ ތަފާތު ސްޓޯލްތައް މިފަހަރުގެ އެކްސްޕޯއިން ފެނިގެންދާނެއެވެ. މީގެއިތުރުން، އެކްސްޕޯއަށް ޒިޔާރަތްކުރާ ޢާންމުންނާއި ދުވުންތެރިންނަށް ބައިވެރިވެވޭނެ ގިނަގުނަ ހަރަކާތްތަކެއްވެސް ވަނީ އިންތިޒާމުކޮށްފައެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ މި ހަރަކާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 5،600 އަށްވުރެ ގިނަ ދުވުންތެރިންނާއެކު، ކުރިއަށްއޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި ދުވުމާ ގުޅޭ އިތުރު މަޢުލޫމާތު ދިރާގު ރޯޑް ރޭހުގެ ރަސްމީ ވެބްސައިޓް (www.dmrr.mv) މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ދިރާގުން މަޢުލޫމާތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް