ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ގޭބަންދަށް ބަދަލުކޮށްފި
ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ގޭބަންދަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ދީނާ ގޭބަންދަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ދަށަށް ދިޔުމުގެ ސަބަބުން، ޖަލުގައި ބަހައްޓައިގެން އެކަށީގެންވާ ސިއްހީ ފަރުވާ ދެވެން ނެތް ކަމަށް ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ. އޭނާ ގޭބަންދަށް މި ބަދަލުކުރީ ކްރިމިނަލް ކޯޓުން ހުކުމް އިއްވިތާ މަހެއްހާ ދުވަސް ނުވަނީހެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ދީނާގެ މައްޗަށް އިއްވާފައިވަނީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި، ނޭވާލާ ނިޒާމުގެ ބައްޔެއް ހުރުމާއި ކުޑަކުދިންތަކެއް ބަލަހައްޓާ އެކަނިވެރި މައަކަށް ވާތީ، ޖަލު އަދަބުގެ ބަދަލުގައި ގޭބަންދު ނުވަތަ ޖޫރިމަނާއަކަށް އަދަބު ލުއިކޮށްދިނުމަށް ދީނާގެ ފަރާތުން އެދިފައިވެއެވެ. ނަމަވެސް، ބަލި ހާލަތު ސާބިތުކޮށްދޭ ފުރިހަމަ ލިޔެކިޔުން ހުށަހަޅާފައި ނުވާތީއާއި، ކުށުގެ ބޮޑުމިނަށް ބަލައި ކޯޓުން އޭރު ނިންމީ އަދަބަށް ލުޔެއް ނުދިނުމަށެވެ.
ދީނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވީ، 2018 ވަނަ އަހަރު ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާއެކު ފެނަކައިން ހެދި އެއްބަސްވުމަކާ ގުޅިގެންނެވެ. އެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތް ނިމިފައިވޭތޯ ބެލުމެއް ނެތި، އަދި ކަމާބެހޭ އިދާރީ ހުއްދަތައް ނުހޯދައި، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ފައިސާ ދޫކުރުމުގެ މެމޯގައި އޭނާ ވަނީ ސޮއިކޮށްފައެވެ.
މި މައްސަލައިގެ އިތުރުން، 2018 ވަނަ އަހަރު ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސީސީޓީވީ ކެމެރާ އާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ހަރުކުރުމަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމުގެ ތުހުމަތުގައި ދީނާގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާއެއްގެ ޝަރީއަތް ވެސް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ހަމައެއާއެކު، ބްލޭޒަން އިންކްގެ ކޮރަޕްޝަން މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ވެސް ކުށް ސާބިތުވެ، ކޯޓުން ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އަހުމަދު ސައީދު ވެސް މިވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް