ދިރާގުން ޖެހިޖެހިގެން ދެވަނަ އަހަރު "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ހޯދައިފި
ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން މި އަހަރު ވެސް ހާސިލުކޮށް، މުވައްޒަފުންނަށް ފެންވަރު ރަނގަޅު މަސައްކަތުގެ މާހައުލެއް ފޯރުކޮށްދޭ ކުންފުންޏެއްކަން ސާބިތުކޮށްފިއެވެ.
މި ސެޓިފިކޭޝަނަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަކަށް ފެތޭ ކުންފުނިތަކަށް ދޭ ޝަރަފެކެވެ. "ޓްރަސްޓް އިންޑެކްސް ސާވޭ" ގެ ނަމުގައި ހިންގާ ދިރާސާއެއް މެދުވެރިކޮށް މުވައްޒަފުން ކުންފުންޏަށް ކުރާ އިތުބާރާއި އިހުތިރާމާއި ފަޚުރުވެރިވާ މިންވަރު ބެލުމަށްފަހު، ވަކި ފެންވަރެއް ހާސިލުކުރާ ކުންފުނިތަކަށް މި ސެޓިފިކޭޝަން ލިބެއެވެ.
ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރު އަޒްހާ ޒަމީރު ވިދާޅުވީ ޖެހިޖެހިގެން ދެވަނަ އަހަރު 'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓްފިކެޓް ލިބުމަކީ، ދިރާގުގެ އެންމެހައި މުވައްޒަފުންގެ ބައިވެރިވުމާއެކު ބިނާކޮށްފައިވާ ހަރުދަނާ މަސައްކަތުގެ މާހައުލު އެގޮތުގައި ދެމެހެއްޓި، އިތުރަށް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއް ކަމުގައެވެ.
”މި ސަގާފަތް ބިނާވެފައިވަނީ އިތުބާރާއި، އިހުތިރާމުގެ އިތުރުން އެކަކު އަނެކަކަށް ދޭ އެއްބާރުލުމުގެ މައްޗަށް. މިއީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދިރާގުގެ މުވައްޒަފަކަށް ވީތީ ފަހުރުވެރިވާ ފަދަ ވެއްޓެއް ގާއިމުކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ. އަދި، މި ސަގާފަތް ދެމެހެއްޓުމުގައި ދިރާގުގެ މުވައްޒަފުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އަމާޒަކީ، މި ލިބުނު ކާމިޔާބީގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި ވެސް މި ހަރުދަނާ މިންގަނޑުތައް ހިފަހައްޓައި، މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށާއި، މުވައްޒަފުންގެ ކުރިއެރުމާއި ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި އަޅުގަނޑުމެން ސާބިތުކަމާއެކު ދެމިތިބުން" އޭނާ ވިދާޅުވިއެވެ.
ދިރާގުގެ މުވައްޒަފުންގެ 99.9 އިންސައްތައަކީ ދިވެހީން ކަމަށް އެ ކުންފުނިން ބުނެފައިވާއިރު، މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ހުނަރު ތަރައްޤީކުރުމަށް ޚާއްޞަ ޕްރޮގްރާމްތައް ހިންގައި، ލީޑާޝިޕް ޑިވެލޮޕްމަންޓާއި މަސައްކަތާއި ދިރިއުޅުމުގެ ހަމަހަމަކަމަށް އެ ކުންފުނިން ދަނީ އިސްކަންދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް