ވަރަ އެކްސްޕޯ 2026 ގައި ސައޫދީ އެމްބަސީން ބައިވެރިވެއްޖެ؛ ސަޢުދީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ
މިއަދު ފަށާ "ވަރަ އެކްސްޕޯގައި ރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީން ބައިވެރިވާން ނިންމައިފިއެވެ. މި އެކްސްޕޯގައި ސައޫދީ އެމްބަސީން ބައިވެރިވަނީ އެ ޤައުމުގެ ތަޢުލީމީ ފުރުޞަތުތަކާއި، އެކަޑަމިކް ދާއިރާގެ ކުރިއެރުންތަކުގެ އިތުރުން "ސައޫދީ ވިޝަން 2030" ގެ ދަށުން ހޯދާފައިވާ ކާމިޔާބީތައް ދައްކާލުމުގެ ބޭނުމުގައެވެ.
ސައޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް، ޚާއްޞަކޮށް ދަރިވަރުންނާއި ބެލެނިވެރިން އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެމްބަސީގެ ސްޓޯލަށް ޒިޔާރަތްކުރުމަށް ދަޢުވަތު އަރުވާފައެވެ.
ސައުދީ އެމްބަސީން ބުނި ގޮތުގައި މި ސްޓޯލް މެދުވެރިކޮށް ސައޫދީ އަރަބިއްޔާއިން ލިބެންހުރި ތަފާތު ތަޢުލީމީ ފުރުޞަތުތަކާއި، ދިވެހިރާއްޖެއަށް ޚާއްޞަކޮށްގެން އެ ޤައުމުން ހިންގާ ތަޢުލީމީ އެކި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ލިބިގެންދާނެއެވެ.
މި އެކްސްޕޯގެ ތެރެއިން، ސައޫދީގެ "ސްޓަޑީ އިން ސައޫދީ" އިސްނެގުމުގެ ދަށުން އެ ޤައުމުގެ ޔުނިވަރސިޓީތަކާއި، ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި، އެކަޑަމިކް ޕްރޮގްރާމްތަކުގެ އިތުރުން ކިޔެވުމަށް އެދި ހުށަހަޅާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ އެމްބަސީން ބުނެއެވެ.
ވަރަ އެކްސްޕޯ 2026 ގައި ސައޫދީ އެމްބަސީގެ ސްޓޯލް ޤާއިމުކުރެވިފައި ހުންނާނީ އެކްސްޕޯގެ "އެޑިއުކޭޝަން ޒޯން"ގެ ބޫތު ނަންބަރު E14 ގައެވެ. ސައޫދީ އެމްބަސީން ވަނީ ވީހާވެސް ގިނަ ފަރާތްތަކަކުން މި ސްޓޯލަށް ޒިޔާރަތްކޮށް، ފަހިވެފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އެދިފައެވެ.
ވަރަ އެކްސްޕޯ އޮންނާނީ މިއަދުން ފެށިގެން މިމަހު 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލްޕާކުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް