އައްޑޫއިން ރަތްމަޑި ފެނިގެން އެ އަތޮޅުން ރުއް ބޭރުކުރުން މަނާކޮށްފި
ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންތަކެއް ދޭ ސޫތްޕެއް ކަމަށްވާ "ރެޑް ޕާމް ވީވިލް" ނުވަތަ ރަތްމަޑި، އައްޑޫ ސިޓީގެ ބައެއް ރަށްރަށުން ފެނިގެން އެ އަތޮޅުން ރުއް ބޭރުކުރުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަނާކޮށްފިއެވެ.
ނުރައްކާތެރި މި މަޑިއަކީ ރުކާއި، ކަދުރު ރުކުގެ އިތުރުން ޒީނަތްތެރިކުރުމަށް އިންދާ ރުކުގެ އާއިލާގެ އެކި ބާވަތްތަކުގެ ގަސްގަހާގެއްސަށް ވަރަށް ބޮޑަށް ގެއްލުންދޭ އެއްޗެކެވެ.
މި މަޑީގެ ފަނީގެ މަރުހަލާގައި ނުވަތަ ލާވާގެ ދުވަސްވަރު، ރުކުގެ ކަދުތެރޭގައި ހުންނަ މަޑު ބައިތައް ކާން ފަށައެވެ. ނަމަވެސް، ކަދުގެ އެތެރެއަށް މި މަޑި ދޭ ގެއްލުންތައް ބޭރަށް ފެންނަން ނުހުންނާތީ، ރުކަށް ގެއްލުން ލިބެމުންދާކަން ފާހަގަވަނީ ރުކުގައި މަޑި ވަރަށް ބޮޑަށް އަށަގަނެ ބޮޑުވެފައިވާ ފަހުންނެވެ.
މިކަމުގެ ސަބަބުން ވަރަށް އަވަހަށް ރުކުގެ ކުރި މަރުވެ، ފަހުގެ މަރުހަލާތަކުގައި މުޅި ރުއް މަރުވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އަވަހަށް މަޑި އުޅޭ ރުއްތައް ދެނެގަތުމާއި، ގަވާއިދުން ރުއްތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މި މަޑި އައްޑޫއިން ފެނުމާ ގުޅިގެން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ތަންފީޒުކުރާ ގަސްގަހާގެހި ހިމާޔަތްރުމުގެ ޤާނޫނުގެ ދަށުން، މިވަގުތަށް އައްޑޫއިން ރުއް ބޭރުކުރުން ވަނީ މަނާކޮށްފައެވެ. އަދި މި މަޑި ކޮންޓްރޯލް ކުރުމުގެ ގޮތުން އައްޑޫއިން ގެއްލުން ލިބިފައިވާ ރަށްރަށުގެ ރުއްތަކުގައި ހާއްސަ އިންސެކްޓިސައިޑެއް ބޭނުންކުރަމުންދާއިރު، އިތުރު ދެމެހެއްޓެނިވި ފިޔަވަޅުތަކުގެ ގޮތުން ޕެރޮމޯން ޓްރެޕްސް ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް މިހާރު އަންނަނީ ކުރަމުން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް