އަޒޭ އާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް، ޖުމާއަށް ދިނީ ނަސޭހަތް
ވިލިމާލޭގައި ފުލުހުން ހިންގި މަސްތުވާ ތަކެތީގެ އޮޕަރޭޝަނުގައި އަތުލައިގަތް ފިލްމީ ތަރިންގެ ތެރެއިން، ތިން މީހަކު މަސްތުވާ ތަކެތި ބޭނުންކުރިކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފް ވެއްޖެއެވެ.
މިދިޔަ މަހުގެ އަށްވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ އަހްމަދު އަޒްމީލް (އަޒޭ) އާއި، އިސްމާއީލް ޖުމައިހް (ޖުމާ) އާއި، މުހައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން ޝާހިލް މުހައްމަދު ކިޔާ މީހެކެވެ.
ދައުލަތުން އަޒޭގެ މައްޗަށް ދައުވާ އުފުލީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައެވެ. ރޯމަންގެ މައްޗަށް އުފުލީ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް މި ދެ މީހުންގެ މައްސަލަ ޑްރަގު ކޯޓަށް ބަދަލުކުރުމަށްޓަކައި، ކްރިމިނަލް ކޯޓުގައި ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި އެދިފައިވެއެވެ.
ޖުމާއާ މެދު ނިންމީ ތަފާތު ގޮތެކެވެ. މަސްތުވާތަކެތީގެ އިތުރު މައްސަލައެއް އޭނާގެ މައްޗަށް ހުށަހެޅިފައި ނެތުމުން، ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
ހަތަރު ވަނަ މީހެއްގެ ގޮތުގައި ހައްޔަރުކުރި ޝާހިލް މުޙައްމަދުގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގެ ތަފްސީލެއް އަދި ހާމަވެފައެއް ނުވެއެވެ.
މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ޖުމާ ފިޔަވައި ދެން ތިބި އެންމެންނަކީވެސް މީގެ ކުރިން ކުށުގެ އެކި ރެކޯޑުތަކުގައި ހައްޔަރުކޮށްފައިވާ މީހުންކަން ކޯޓުގެ ބަންދު އަމުރުން އެނގެން އޮވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް