ސްޓެލްކޯގެ ހަކަތަ އިގްތިސާދުކުރުމުގެ ޤައުމީ ކެމްޕެއިން އައްޑޫގައި ފަށައިފި
ހަކަތަ އިގްތިސާދުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގާ "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ކެމްޕެއިން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އައްޑޫ ހުޅުދޫ އަދި މީދޫގައި ޢާންމުކޮށް ހުޅުވައިލައިގެން ބޭއްވި ފުރަތަމަ ސެޝަންގައި ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ ޢަޒުވަރެވެ.

ކެމްޕެއިން ފައްޓަވައިދެއްވަމުން ޑރ. ޢަޒުވަރު ވިދާޅުވީ "މިއަދަކީ ސްޓެލްކޯގެ ތާރީޚުގައި މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް" ކަމަށާއި "މިއީ ހަމައެކަނި ޝިއާރެއް ނޫން" ކަމަށެވެ. ކަރަންޓު ސަލާމަތްކުރުމަކީ ބިލް ކުޑަކުރުމުގެ އިތުރުން ތެލަށް ކުރާ ޤައުމީ ޚަރަދު ލުއިކޮށް، ޖައްވަށް ބޭރުކުރެވޭ ވިހަ ގޭސް މަދުކޮށް، ކުރިއަށް އޮތް ޖީލުތަކަށް ގުދުރަތީ ވެށި ޙިމާޔަތްކުރުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި ހަރަކާތުގެ ތެރެއިން ބޭކާރު ގޮތުގައި ދިއްލާފައި ހުންނަ ބޮކިތައް ނިއްވައިލުމާއި ގިނައިރު ބޭރުގައި އުޅޭ ނަމަ އޭސީ ނިއްވައިލުން ފަދަ ކަންކަމުގެ މުހިންމުކަން ބުނެދީ، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަކަތަ ސަލާމަތްކުރެވޭނެ ގޮތްތައް ރައްޔިތުންނަށް ދައްކުވައިދިނުމަށް ރޭވިފައިވެއެވެ. ޑރ. ޢަޒުވަރު ފާހަގަކުރެއްވި ގޮތުގައި ވަކި ސަރަޙައްދަކަށް ހާއްޞަ ހަރަކާތެއްގެ ގޮތުގައި ނޫން ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ހަމައަށް ސެޝަންތައް ގެންދާނެ ކަމަށެވެ.
ކެމްޕެއިންގެ އެންމެ ބޮޑު އަމާޒަކީ ހަމައެކަނި ވާހަކަ ދެއްކުމުގެ ބަދަލުގައި ޤައުމީ ފެންވަރުގައި ކަރަންޓުގެ އިސްރާފު ބޮޑު ތަނުން ދަށްކޮށް، އަތުން ހިފޭ ފަދަ ޙަޤީޤީ ނަތީޖާއެއް ނެރުން ކަމަށް ޑރ. ޢަޒުވަރު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ގޭބީސީތަކާއި މަސައްކަތުގެ މާޙައުލުން ހަކަތަ އިގްތިސާދުކުރުމުގެ އާދަ ފެށުމަށް ރައްޔިތުންނަށް ގޮވައިލައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް