ތިލަފުއްޓަށް ކޮންޓޭނާ އުފުލާ އުޅަނދެއް ކައިރިކޮށް، ކޮންޓޭނާ ބޭލުމުގެ މަސައްކަތް ފަށައިފި
ތިލަފުއްޓަށް ކޮންޓޭނާ އުފުލާ އުޅަނދެއް ކައިރިކޮށް، ކޮންޓޭނާ ބޭލުމުގެ މަސައްކަތް ފަށައިފި އެވެ.
އެގޮތުން ކޮންޓޭނާ ވެސަލް "އެމްއެސްއެސް ގަލީނާ" އިން ކޮންޓޭނާ ބޭލުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓަރމިނަލްގައި މިއަދު ވަނީ ފަށާފަ އެވެ. މިއީ ތިލަފުއްޓަށް ކޮންޓޭނާ އުފުލާ އުޅަނދެއް ކައިރިކޮށް، ކޮންޓޭނާ ބޭލުމުގެ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ތިލަފުއްޓަށް ކައިރިކުރި "އެމް.އެސް.އެސް ގަލީނާ" އިން ރާއްޖެ އައީ 524 ޓީއީޔޫ ބަރުކޮށްގެނެވެ. މީގެ ތެރެއިން 490 ޓީއީޔޫ ބާލާނީ ތިލަފުށި ކާގޯ ޓާމިނަލްއަށެވެ.

ތިލަފުށީގައި ކޮންޓޭނާ ބޭލުމުގެ އޮޕަރޭޝަންސް މި ގޮތަށް ކުރިއަށް ގެންދިއުމަށް ރާވައި، އެކަމާ ގުޅޭ މަސައްކަތްތައް އެމްޕީއެލް އިން ފެށީ މި އަހަރުގެ މެއި މަހުން ފެށިގެންނެވެ. އެއީ، އާދައިގެ މަތިން އައު އަހަރުން ފެށިގެން، ރަމަޟާން މަސް ނިމޭތާ އެއް މަސް ދުވަހާ ހަމައަށް، ރާއްޖެއަށް މުދާ ގެންނަ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ އެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެނދުތައް އިތުރުވުމާއި، އައު ރިސޯޓްތައް ހުޅުވުމުގެ ސަބަބުން މުދާ އެތެރެކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

އެހެން ކަމުން، ތިލަފުއްޓަށް ކޮންޓޭނާ ބޭލުމުގެ މަސައްކަތްތައް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ މައްސަަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައި، ވިޔަފާރިވެރިންނަށް ވީހާވެސް އަވަހަށް މުދާ ކްލިއަރުކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެކި މަސައްކަތްތައް މި ވަގުތު ކުރިއަށް އެބަދެ އެވެ. ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 މީޓަރު ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން ދަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެއެވެ.

އެމްޕީއެލްގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ތިލަފުއްޓަށް ބަދަލުކުރުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް