ފުލް ކޮންޓެއިނަރު ކާގޯ ކްލިއަރެންސްގެ ޚިދުމަތް ތިލަފުށީގައި ފަށައިފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ތިލަފުށީގައި އަލަށް ޤާއިމުކުރި ފެސިލިޓީގައި އޮޕަރޭޝަންތައް ފެށުމާއެކު، ކަނޑުމަގުން އެތެރެކުރެވޭ "ފުލް ކޮންޓޭނަރ ލޯޑް" (FCL) ކޮންޓޭނަރުތައް ކްލިއަރކުރުމުގެ މަސައްކަތްތައް މިއަދު ރަސްމީކޮށް ތިލަފުށި ކާގޯ ޓަރމިނަލް (ޓީ.ސީ.ޓީ) އަށް ބަދަލުކޮށް، އެ ޚިދުމަތް އެ ޓަރމިނަލްގައި ދޭން ފަށައިފިއެވެ.
ތިލަފުށީގައި މި ޚިދުމަތް ފަށާފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާފައިވާ 100 މީޓަރުގެ ކީ ވޯލްގެ ސަރަހައްދުގައެވެ. މިކަމާ ގުޅޭގޮތުން އެމްޕީއެލުން ބުނީ "ޑައިރެކްޓް ޑެލިވަރީ" (ޑީ.އާރް)ގެ ގޮތުގައި "FCL" ކޮންޓޭނަރ ކަނޑުމަގުން ކްލިއަރކުރުމާއި، މުދާ ހުސްކޮށްފައި ގެންނަ ކޮންޓޭނަރ ބޭލުމުގެ ޚިދުމަތް މިއަދު ފެށި ނަމަވެސް ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ޑީ.އާރްގެ ގޮތުގައި މީގެ ފަހުންވެސް މާލޭ ވިޔަފަރި ބަނދަރު އަދި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލް އިން ކްލިއަރކުރެވޭނެކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންޓޭނަރގެ ތެރެއިން، ބޮޑުބައެއް ކްލިއަރކުރަނީ ކަނޑުމަގުންނެވެ. އަދި މީގެ ތެރޭގައި ގިނައީ “FCL” ކޮންޓޭނަރެވެ. މި ވަގުތު ޑީ.އާރްގެ ގިނަ ކޮންޓޭނަރތައް ކަނޑުމަގުން ކްލިއަރކުރަނީ ހުޅުމާލެ ޓަރމިނަލްއިންނެވެ. މި އޮޕަރޭޝަންސްތައް ތިލަފުއްޓަށް ބަދަލުކުރުމަކީ ހުޅުމާލެ ޓަރމިނަލްގެ ލޯކަލް ކީވޯލްގެ އޮޕަރޭޝަންތަކަށް ލިބޭނެ ލުއިކަމެއް ކަމަށް އެމް.ޕީ.އެލްއިން ބުނެއެވެ.
އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީގް ވިދާޅުވީ، ކާގޯ ކްލިއަރަންސްގެ ޚިދުމަތެއް ތިލަފުއްޓަށް ބަދަލުކުރުމަށް އެމް.ޕީ.އެލްގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތްތެއް ކުރި ކަމަށެވެ. އަދި މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ފަރާތުން ލިބުނު އެއްބާރުލުންވެސް ސީ.އީ.އޯ ޝަފީގް ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ތިލަފުށީގައި ކުރިއަށް އޮތް ތަނުގައި "ލެސް ދެން ކޮންޓޭނަރ ލޯޑް" (LCL)ގެ ގޮތުގައި ގެންނަ ކާގޯ ކްލިއަރކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެކި މަސައްކަތްތައް މި ވަގުތުވެސް ކުރިއަށްދާކަމަށް އެމްޕީއެލުން ބުނެއެވެ. ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 މީޓަރުގެ ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން ދަނީ އެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެކަމަށް އުންމީދުކުރެވޭ ކަމަށް އެމް.ޕީ.އެލްއިން ބުނެއެވެ. މީގެ އިތުރުން، 820 މީޓަރުގެ ޑޮމެސްޓިކް ކީވޯލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ފަށައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް