ޝަރުޢީ ނިޒާމް މިނިވަން ނޫންކަމަށް ބުނެ ކުރީގެ ސަރުކާރުތަކުން ދެއްކީ ބަހަނާއެއް؛ އަޅުގަނޑު މަރުގެ ޙުކުމް ތަންފީޛު ކުރާނަން: ރައީސް ޑރ. މުޢިއްޒު
ޝަރުޢީ ނިޒާމު މިނިވަން ނޫން ކަމަށް ބުނެ، ވޭތުވެދިޔަ ސަރުކާރުތަކުން މަރުގެ އަދަބު ތަންފީޛު ނުކޮށް ދެއްކީ ބަހަނާތަކެއް ކަމަށާއި، މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޛު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ބައްދަލުވުމުގައި ނޫސްވެރިޔާ ވަނީ ޝަރުޢީ ނިޒާމް މިނިވަން ނޫން ކަމަށް ބުނެ ސިޔާސީ އެކި ފަރާތްތަކުން މަރުގެ ޙުކުމް ތަންފީޛު ކުރުން ފަސްކުރަމުންދާކަން ފާހަގަކޮށް، މިހާރު އެ ނިޒާމު މިނިވަންތޯއާއި މަރުގެ އަދަބު ތަންފީޛު ކުރައްވާނަންތޯ އަދި ބޭރުގެ ފިއްތުންތަކާ މެދު ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ޝަރުޢީ ނިޒާމު މިނިވަންވެފައިވާކަން އިޢުލާން ކުރައްވާފައިވާނެ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުގައި ރައީސް އޮފީހުން ކޯޓުތަކަށް އަންގައިގެން ވަކިވަކި މީހުން މިނިވަންކުރުމާއި ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގި ނަމަވެސް، މި ސަރުކާރުން އެފަދަ އެއްވެސް ކަމެއް ނުކުރާކަމަށެވެ.
މީގެއިތުރުން ޝަރުޢީ ދާއިރާ މިނިވަންކަމާއެކު ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
މަރުގެ އަދަބު ތަންފީޒު ނުކުރުމަށް އެންމެ ފަސޭހަ އެކްސްކިއުޒެއް ގޮތުގަ ހުރިހާ ސަރުކާރަކުން ވެސް ދައްކަމުން އައީ ޝަރުޢީ ނިޒާމު އޮތީކީއޭ މިނިވަންކޮށެއް ނޫނޭ. ދެން އެހެން ކިޔާފަ. މިކަން ފަސްކުރަމުން ކޮންމެ ސަރުކާރަކުން ވެސް މިއަންނަނީ. އަޅުގަނޑު ވަރަށް ސާފުކޮށް މި ދެންނެވީ މި ސަރުކާރުގެ ސިޔާސަތު. އަޅުގަނޑުގެ ސިޔާސަތު. ދީނުގަ މިކަން އޮތް ގޮތް. ވަރަށް ސާފު ފަރުޟެއް.
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވެފައި، މަރުގެ އަދަބަކީ ދީނުގައި އޮތް ވަރަށް ސާފު ފަރުޟަކަށް ވާއިރު، އެ ޙުކުމް ތަންފީޛު ކުރަންޖެހޭ ހިސާބަށް ކަންކަން ދިއުމުން، ތަންފީޛީ ދާއިރާއިން ސަރުކާރުން ކޮށްދޭންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިނިވަން ނުވެޔޭ ކިޔާފަ ނޫނީ އެކި ބޭރުގެ ވިޔަސް އެތެރޭގެ ވިޔަސް ނުފޫޒުތަކާ ހެދި، މީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގަ މީގެ ކުރީގެ ސަރުކާރުތަކުން މިކަމުގަ ފަހަތަށް ޖެހުނު ޖެހުމަކީ އަޅުގަނޑު ފަހަތަށް ޖެހެންޖެހޭނެ ސަބަބެއް ނޫން،"
ދިވެހިރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ދަންޖައްސައިގެން ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފައެވެ.
މި ބިލުގައި މަރުގެ އަދަބު ކަނޑައެޅުމަށް ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، ކޯޓުތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކުގެ އިތުރުން، ދައުލަތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތަކާއި، އަދަބު ތަންފީޛުކުރުން މަނާކުރާ ޙާލަތްތަކާއި ސަބަބުތައް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްވެރިޔާގެ މައްޗަށް އެ އަދަބު ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެންނެވެ. އަދި އަދަބު ތަންފީޒުކުރުމުގެ ކުރިން ކުށްވެރިޔާއަށް ލިބިދޭންޖެހޭ މުހިންމު ޙައްޤުތަކެއްވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް