ރަސްމާލެ ފަދަ ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި އޫރުމަހާއި ޖުވާ މަނާކޮށް ބިލު ހުށަހަޅައިފި
ދިވެހިރާއްޖޭގައި ތަރައްޤީކުރާ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި، އޫރުމަހާއި، ޖުވާ ކުޅުން ފަދަ އިސްލާމީ ޝަރީޢަތާ ޚިލާފު އެންމެހައި ކަންކަން މަނާކުރުމަށް ބަޔާންކޮށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނެވެ.
މި ބިލު ސަރުކާރުން ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމާއި، ހާމަކަންބޮޑު އަދި ޖަވާބުދާރީވަނިވި ނިޒާމެއްގެ ތެރެއިން މި ވިޔަފާރި ހިންގޭނެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމެވެ. މީގެ އިތުރުން، މި ދާއިރާގައި މަސައްކަތްކުރާ ޑިވެލޮޕަރުން ރަޖިސްޓަރީކުރުމާއި، އެ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމާއި، ޕްރޮޕަޓީ ގަންނަ ފަރާތްތަކުގެ މަޞްލަޙަތު ރައްކާތެރިކުރުމުގެ އިތުރުން މުޅި ނިޒާމު މޮނިޓަރކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުންވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ރަސްމާލެ ފަދަ ބޮޑެތި މަޝްރޫޢުތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ މި ބިލުގައި އިސްލާމީ ހަމަތަކާއި ދިވެހިރާއްޖޭގެ ސިޔާދަތު ރައްކާތެރިކުރުމަށް ޚާއްޞަ މާއްދާތަކެއް ވަނީ ހިމަނާފައެވެ.
އެގޮތުން ބިލުގެ 77 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، މިފަދަ ޒޯންތަކުގައި ތަރައްޤީކުރާ ތަންތަނަށް އަދި އެތަނުގައި ހިންގާ ވިޔަފާރިތަކަށް ނުވަތަ ދިރިއުޅޭ ފަރާތްތަކަށް ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުމަކީ މުޅިން މަނާކަމެއް ކަމަށެވެ.
އަދި ބިލުގެ 98 ވަނަ މާއްދާގައިވާ ގޮތުން، ޖުވާ ކުޅުން ފަދަ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ކަންކަމަށް މަގުފަހިވާ އެއްވެސް ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް މި ޒޯންތަކުގައި ނުހިންގޭނެއެވެ. ހަމައެއާއެކު، އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރުތައް ފާޅުކުރުމާއި، އެހެން ދީންތަކުގެ އިހްތިފާލުތައް ބޭއްވުމާއި އަޅުކަންކުރާ ތަންތަން ހެދުން ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ޤައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތާ ގުޅުންހުރި މުހިންމު ކަންތައްތަކެއްވެސް މި ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން ބިލުގެ 93 ވަނަ މާއްދާގެ (ށ) ގައި ސީދާ ބަޔާންކޮށްފައިވަނީ، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ އިޒްރޭލު ރައްޔިތުންގެ ހިއްސާއެއް އޮންނަ އެއްވެސް ޤާނޫނީ ޝަޚްޞަކަށް، މި ޒޯންތަކުން އެއްވެސް ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށާއި، ބިމެއް ސަބްލީސްވެސް ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، އެއްވެސް ވަކި ޤައުމެއްގެ ރައްޔިތުންނަށް ނުވަތަ ކުންފުންޏަކަށް މި ޒޯނުތަކުގެ ބިމުގެ 25 އިންސައްތައަށްވުރެ އިތުރަށް ބިން ރަޖިސްޓްރީ ނުކޮށްދެވޭނެ ކަމަށްވެސް ބިލުގައި ވެއެވެ.
މި ބިލުގައިވާ އެހެނިހެން މުހިންމު ނުކުތާތަކުގެ ތެރޭގައި:
އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއް މާސްޓަރ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ އެންމެ ގިނަވެގެން 99 އަހަރަށް ކަމަށް ކަނޑައެޅުން.
މި ޒޯންތަކުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ޓެކްސް ނަގާނީ ޓޫރިޒަމް ދާއިރާގެ ރޭޓުން (ޓީ-ޖީއެސްޓީ) ކަމަށް ކަނޑައެޅުން.
މި ޒޯންތަކުން ބިން ނުވަތަ ޕްރޮޕަޓީ ގަންނަ އެއްވެސް ބޭރުގެ ފަރާތަކަށް ދިވެހިރައްޔިތަކަށް ވުމުގެ އެއްވެސް ޙައްޤެއް ނުލިބޭނެކަން ކަށަވަރުކުރުން.
މި ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން އަދި ސިޔާދަތު ބަލަހައްޓާނީ ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން އެކަނި ކަމުގައި ކަނޑައެޅުން.
މި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން، އެފަދަ ޢަމަލަކީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމުގައިވާނަމަ، އެ މައްސަލަތައް ތަޙްޤީޤުކުރުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް މި ބިލުގައި ސަރުކާރުން ވަނީ ހިމަނުއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް