ރިއަސް އެސްޓޭޓް ބިލް؛ ރަސްމާލެއިން އިސްރާއީލް މީހުންނަށް ޕްރޮޕަޓީ ނުވިއްކޭނެ
ރާއްޖޭގައި ތަރައްޤީކުރާ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުތަކުން، އިސްރާއީލްގެ ރައްޔިތުންނަށާއި އެ ޖަމާއަތުގެ މަޞްލަޙަތު އޮންނަ ކުންފުނިތަކަށް ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ވިއްކުމާއި ބިން ސަބްލީސްކުރުން މަނާކުރާ މާއްދާތަކެއް ހިމަނައި، ސަރުކާރުގެ ފަރާތުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލަކީ ދިވެހިރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާކޮށް، ހާމަކަންބޮޑު އަދި ޖަވާބުދާރީވަނިވި ނިޒާމެއްގެ ތެރެއިން އެ ވިޔަފާރި ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ހުށަހެޅި ބިލެކެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ތަމްސީލުކުރައްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ޑިވެލޮޕަރުން ރަޖިސްޓަރީކުރުމާއި، އެ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމާއި، ޕްރޮޕަޓީ ގަންނަ ފަރާތްތަކުގެ މަޞްލަޙަތު ރައްކާތެރިކުރުން ހިމެނެއެވެ. އަދި މި ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތައް މޮނިޓަރކުރެވޭނެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަކީ ވެސް މި ބިލުގެ މުހިންމު މަޤްޞަދެކެވެ.
މި ބިލުގައި ހިމަނާފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް މާއްދާއަކީ ބިލުގެ 93 ވަނަ މާއްދާގެ (ށ) އެވެ. މި މާއްދާގައި ކަނޑައަޅާފައިވަނީ، އިސްރާއީލްގެ ރައްޔިތުންނަށް ނުވަތަ އެ މީހުންގެ ސީދާ އަދި ނުސީދާ ހިއްސާއެއް އޮންނަ ޤާނޫނީ ޝަޚްޞަކަށް ޒޯނުގައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށާއި އަދި ބިމެއް ސަބްލީސް ވެސް ނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ވަކި އެއް ޤައުމަކަށް ނިސްބަތްވާ ފަރާތްތަކަށް މި ޒޯނުން ދޫކުރެވޭނީ ޖުމްލަ ބިންތަކުގެ %25 އަށްވުރެ އިތުރުނުވާ މިންވަރަކަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އިސްލާމީ އުސޫލުތަކާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ވެސް މާއްދާތަކެއް ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ބިލުގެ 77 ވަނަ މާއްދާގެ (ރ) ގެ ދަށުން، މި ޒޯނުތަކުގައި ބަނގުރަލާއި އޫރުމަހުގެ އެއްވެސް ބާވަތެއް އިމްޕޯޓްކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ މުޅިން މަނާ ކަމެކެވެ. ހަމައެއާއެކު، އިސްލާމީ ޝަރީޢަތުގައި މަނާކޮށްފައިވާ ޖުވާ ކުޅުން ފަދަ އެއްވެސް ކަމެއް ހިންގުމާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރުތައް ފާޅުކުރުމާއި އަޅުކަންކުރާ ތަންތަން ހެދުމަކީ މާސްޓަރ ޑިވެލޮޕަރަށް ހުއްދަ ދެވިގެންވާނެ ކަންކަމެއް ނޫން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ އިތުރު މުހިންމު ކަންކަމުގެ ތެރޭގައި:
އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއް މާސްޓަރ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރަށް ކަމަށް ކަނޑައެޅުން.
ޒޯނުން ޕްރޮޕަޓީއެއް ގަތުމަކުން ރާއްޖޭގެ ރައްޔިތަކަށްވުމުގެ އެއްވެސް ޙައްޤެއް ނުލިބޭނެކަން ކަށަވަރުކުރުން.
މި ޒޯނުތަކުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޓެކްސް ނަގާނީ ޓޫރިޒަމް ދާއިރާގެ ރޭޓުން ކަމުގައި ހަމަޖެއްސުން.
މި ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ބެލެހެއްޓުން.
މި ޤާނޫނާ ޚިލާފުވާ ޢަމަލުތަކަކީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމުގައިވާނަމަ، އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން ޖިނާއީ ތަޙްޤީޤު ހިންގުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް