ޖަރުމަނުގެ ޕާލިމަންޓު ކުރިމަތީގައި ހުރި ދިދަ ތިރިކޮށް، ފަލަސްތީނުގެ ދިދަ ނަގައިފި
ޖަރުމަނުވިލާތުގެ ސަރުކާރުން އިސްރާއީލަށް ތާއީދުކޮށް ގެންގުޅޭ ސިޔާސަތުތަކާއި، ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް އެ ގައުމުން އަޑުއުފުލުމެއް ނެތި ހިމޭނުން އޮންނާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން، އެކްޓިވިސްޓުންގެ ބަޔަކު ނިކުމެ އެ ގައުމުގެ ޕާލިމަންޓު ކުރިމަތީގައި ހުރި ދިދަދަނޑީގައި ނަގާފައި ހުރި ޖަރުމަނުގެ ދިދަ ތިރިކޮށް ފަލަސްތީނުގެ ދިދަ ނަގައިފިއެވެ.
މި ހަރަކާތް ހިންގި "ޕީސްފުލީ އެގެއިންސްޓް ޖެނޮސައިޑް" ޖަމާއަތުން ބުނި ގޮތުގައި، މިއީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމަށާއި، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ނަސްލުހޭދު ކުރުމުގެ އަމަލުތަކާ ދެކޮޅަށް ޖަރުމަނުގެ ސިޔާސީ ވެރިން އެކަށީގެންވާ ފިޔަވަޅު ނާޅާތީ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ހިންގި ހަރަކާތެއް ކަމަށެވެ.
އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ވަނީ ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމަށް ތާއީދުކޮށް، ނުވަތަ އެކަމާ ދެކޮޅަށް އެއްޗެއް ނުބުނެ ހިމޭނުން ތިބޭ ސަރުކާރުތަކުން ތަމްސީލު ކުރަނީ ރައްޔިތުންގެ އިހުސާސްތަކެއް ނޫންކަން ފާހަގަކޮށްފައެވެ. އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ވިޔަސް ހިންގާ ނަސްލުހޭދު ކުރުމުގެ އަމަލުތަކަކީ އެންމެންނާ ވެސް ގުޅުންހުރި ކަމެއް ކަމަށާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތައް ހުއްޓުވުމުގެ ޒިންމާއިން އެއްވެސް ފަރާތަކަށް ރެކެވެން ނޯންނާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން ބަޔާނުގައި ވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކަށް ސަރުކާރުތަކުން އިހުތިރާމް ނުކުރާނަމަ އެ ގާނޫނުތަކުގެ ބޭނުމަކީ ކޮބައިތޯއާއި، އިންސާނީ ހައްގުތަކަކީ ވަކި ބަޔަކަށް އެކަނި އޮންނަ އެއްޗެއްތޯ ސުވާލު އުފައްދާފައެވެ. އަދި މުޅި ތަން ސުންނާފަތިވެ، ދިރިއުޅުން ނަރަކައަކަށް ވެގެންދާއިރު، އާންމު ރައްޔިތުން ނުކުމެ އެންމެންގެ ހައްގުގައްޔާއި މިނިވަންކަމުގެ ދިފާއުގައި އަޑުއުފުލަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
ބާލިންގެ ފުލުހުން ބުނި ގޮތުގައި މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުން ތިން އެކްޓިވިސްޓަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ދައުލަތަށާއި ދައުލަތުގެ ރަމްޒުތަކަށް އިހާނެތިކޮށް ހިތުމުގެ ތުހުމަތުގައި އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
"ޕީސްފުލީ އެގެއިންސްޓް ޖެނޮސައިޑް" ގްރޫޕުން ބުނި ގޮތުގައި، ޖަރުމަނު ސަރުކާރުގެ މި ސިޔާސަތުތަކާ ދެކޮޅަށާއި، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިހުތިޖާޖުތައް ކުރިއަށް ގެންދާނެއެވެ. މީގެ ތެރޭގައި ހަތިޔާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ރައިންމެޓާލް އިން އިސްރާއީލަށް ހަތިޔާރު ފޮނުވުން ހުއްޓާލުމަށާއި، ބާލިންގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަންދުކުރުމަށް ގޮވާލުން ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް