ޝާހިދަށް ފިޔަވަޅެެއް، އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭރުކޮށްފި
18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، އެ ޕާޓީޣެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބާ ވަޓްސްއެޕް ގުރޫޕުން ބޭރުކޮށްފި އެވެ.
އެކަން ގައުމީ މަޖިލީހުގެ ބައެއް މެންބަރުން "ވޮއިސް" އަށް ވަނީ ޔަގީންކޮށްދީފަ އެވެ. އެ މެންބަރުން ވިދާޅުވީ އެއީ ބޮޑެތި ތުހުމަތުތަކުގައި ހައްޔަރުކުރާ ގައުމީ މަޖިލީހުގެ މެންބަރުނާއިމެދު އަމަލު ކުރާ އުސޫލެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ޝާހިދު ގެންގޮސްފައިވަނީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގަ އެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށް 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ، ރޭގެ ވަގުތެއްގައި ޝާހިދުގެ ރަސްމީ ގެކަމަށްވާ ހ. ރަބީއީމަންޒިލަށް ވަދެ އެ ތަން ބަލައި ފާސްކޮށްފައެވެ.
ޝާހިދު ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން، އޭނާއަށް ކުރަމުންދާ ތުހުމަތުތައް ދޮގުކުރައްވައި 'އެކްސް' ގައި ޕޯސްޓެއް ކުރައްވާފައިވެއެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ، މިއީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، މިފަދަ ސާބިތުނުހިފޭ ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް