ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް އެންމެންނަށް ޤަދަރުކުރާ މުޖުތަމައެއް: ފަސްޓްލޭޑީ
އެއްވެސް އިންސާނަކީ އޭނާއާމެދު ތަޤުދީރު ނިޔާކޮށްފައިވާ ގޮތުން މުޖުތަމަޢުން އެކަހެރި ކުރެވިގެންވާނެ މީހެއް ނޫން ކަމަށާއި، ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ އަދި އެންމެންނަށް ޤަދަރުކުރާ މުޖުތަމަޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި "ރިވެލި އެވޯޑް" ދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެވޯޑު ޙާޞިލުކުރެއްވި ފަރާތްތަކާ މުޚާޠަބު ކުރައްވައި އެކަމަނާ ވިދާޅުވީ، އެ ބޭފުޅުންނަކީ، އާދަޔާ ޚިލާފު ކުޅެދުންތެރިކަމަކާއި ފަންނުވެރިކަމެއް ދައްކުވައިދިން، މުޖުތަމަޢުގެ ވަރަށް އަގުހުރި މޭސްތިރިންތަކެއް ކަމަށާއި، އެފަރާތްތަކާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމުގައެވެ. އަދި މުޖުތަމަޢުގެ ނިޒާމުތައް ބައްޓަންވާންވާނީ، ކުލުނާއި ކަމޭހިތުމަށް ދިރުންލިބި، އެންމެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންވާ ގޮތަށް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމަ މިޔާއެކު،އެ ފަރާތްތައް އެ ދައްކުވައިދެއްވަނީ ޢަޒުމާ ސާބިތުކަމުގެ މުހިންމުކަންކަމުގައިވެސް އެކަމަނާ ވިދާޅުވި އެވެ.
"ތިޔަބޭފުޅުންނާއިމެދު އަޅުގަނޑު ފަޚުުރުވެރިވަން. ތިޔަބޭފުޅުން ތިޔަ ސާބިތުކޮށްދެއްވަނީ އަަޒުމާއި ސާބިތުކަމުގެ މުހިންމުކަން. ހުނަރާއި ޤާބިލް ކަމުގެ ފުޅާކަން. ތިޔަބޭފުޅުން ތިޔަ ދެއްކެވި ކުޅަދާނަ ކަމަކީ ހަމަ ގައިމުވެސް އަޅުގަނޑުމެންފަދަ އެތައް ބައެއްގެ ކިބަައިގައި ނެތް ކުޅަދާނަކަމެއް. އަޅުގަނޑުމެންފަދަ އެތައް ބައެއްގެ ވިސްނުމާއި ޚިޔާލަށް ނާންނަ ވިސްނުންތެރިކަމެއް. އެހެންކަމުން ތިޔަބޭފުޅުންނަކީ އާދަޔާޚިލާފު ކުޅެދުންތެރީން. ތިޔަބޭފުޅުންނަކީ އިންތިހާއަށް މޮޅު ފަންނުވެރީން. ތިޔަބޭފުޅުންނަކީ ދިވެހި މުޖްތަމައުގެ ވަރަށް އަގުހުރި އެކި ދާއިރާތަކުގެ މޭސްތިރީން. އަޅުގަނޑުމެން ބިނާކުރަންވީ އެންމެން ބައިވެރިވާ މުޖްތަމައުއެއް. އެންމެންނަށް ޤަދަރުކުރާ މުޖްތަމައުއެއް،" ފަސްޓްލޭޑީ ވިދާޅުވި އެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ކީރިތި ޤުރްއާނުގެ ޢަބަސަ ސޫރަތުގައި ބަޔާންވެގެންވާ ޙާދިސާއަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، އެކިއެކި އުނިކަން ހުންނަ ފަރާތްތަކުގެ އިޙްސާސްތަކަށް އިޙްތިރާމުކުރުމާއި، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ އިސްލާމްދީން ބާރުއަޅާ، އަދި މާތް ﷲ ލޯބިވެ ވޮޑިގަންނަވާ ކަމެއްކަން އެ ޙާދިސާއިން ސާފުވާކަމަށް ވިދާޅުވި އެވެ.
"އެ ސޫރަތުން މާތްﷲ މުސްލިމުންނަށް ދެއްވާ ތަރުބިއްޔަތަކީ އެފަދަ މީހުންނާއިމެދު އަމަލުކުރަންވާނީ ވަރަށް ކަމޭހިތުމާއި އިހްތިރާމާއިއެކުގައިކަން. އެ ހާދިސާއިން އަޅުގަނޑުމެންނަށް ލިބިދޭ ފިލާވަޅަކީ އެކިއެކި އުނިކަން ހުންނަ ފަރާތްތަކުގެ އިޙްސާސްތަކަށް އިޙްތިރާމް ކުރުމާއި އެ ފަރާތްތަކުގެ އަގުވަޒަން ކުރުމަކީ އިސްލާމްދީން ބާރު އަޅާ ކަމެއް ކަން. މާތްﷲ ލޯބިވެތިވޮޑިގެންވާ ކަމެއްކަން،"

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު މާޒީގައި ތަފާތުކުރުންތައް ގެންގުޅެވިފައިވީ ނަމަވެސް، މިއަދު ދިވެހި މުޖުތަމަޢުގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އައިސް ހޭލުންތެރިކަން އިތުރުވަމުން އަންނަކަން ފާހަގަކުރެއްވި އެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން މިފަދަ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، އެ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް ދައުލަތުގެ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

އެގޮތުން އެފަރާތްތަކަށް ޢިލްމީ ހޭލުންތެރިކަމާއި ފަރުވާގެ ފުރުޞަތުތައް ފަހިކޮށްދެއްވަމުން އަންނަކަމަށާ، އެފަރާތްތަކުގެ ކިބައިގައި ހުރި ހުނަރުތައް ޢާންމުކުރުމަށް ހިތްވަރުދީ، އެކަމަށް މަރުޙަބާ ކިޔައި ޖަމަޢީ ގޮތެއްގައި ވާގިވެރިވަމުން އައިސްފައިވާކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް