މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ދެމުންދާ ޚިދުމަތްތައް ޒަމާނީކޮށް، އާންމުންނަށް މޫސުމީ މަޢުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމުގެ ގޮތުން ފަރުމާކުރި އާ ވެބްސައިޓާއި "މޫސުން" އެޕްލިކޭޝަން މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ވެބްސައިޓާއި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މޫސުމީ އިންޒާރުތައް އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފޮނުވާ ނޮޓިފިކޭޝަންތައް ވަގުތުން ކާރިސާގެ ކުރިން އާންމުންނަށް ލިބޭނެ ފަދަ ހަރުދަނާ ނިޒާމަކާ އެކުގައެވެ. މީގެ އިތުރުން، މޫސުން ބަލާ ސްޓޭޝަންތަކުން ލިބޭ މަޢުލޫމާތާއި ސެޓެލައިޓް ފޮޓޯތައް ބޭނުންކޮށްގެން، ކަނޑުދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ މުހިންމު ތަފްޞީލުތައް މިހާރު ކުރިއަށްވުރެ ފުރިހަމައަށް ލިބިގެންދާނެއެވެ. މި އާ ބަދަލާއެކު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތާއި، ކަނޑުގެ ހާލަތުގެ އިތުރުން ދިޔަވަރަށް އަންނަ ބަދަލުތައް ވަގުތުން ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މެޓުން ބުނީ މިއީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫޢުގެ މަޤްޞަދަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި މައުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމެވެ.
މެޓް އޮފީހުގެ އާ ވެބްސައިޓް މިއަދުން ފެށިގެން ބޭނުންކުރެވެން ފަށާފައިވާއިރު، "މޫސުން" އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް