ޝުހާދުގެ ޤާތިލު ފަރީދު މެރުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފި
ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ، ޢަބްދުالله ޝުހާދު މަރައިލި މައްސަލައިގައި ޙަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ދަމަހައްޓައި، ފަރީދުގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމަވާފައެވެ.
މި ހާދިސާ ހިނގާފައިވަނީ 27 ޖެނުއަރީ 2010 ވީ ބުދަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު އެވެ. ފަރީދު އިތުރު ބަޔަކާއެކު ފުވައްމުލަކު ދޫނޑިގަން ބޮޑުފަންނު މަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް، އެ ސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް ވަޅިން ހަމަލާދީފައިވެއެވެ. މި ހަމަލާގައި ލިބުނު ފުން ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޝުހާދު މަރުވެފައިވަނީ ޖެހިގެން އައި 28 ޖެނުއަރީ 2010 ވީ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފަރީދުގެ މައްޗަށް ދައުލަތުން އުފުލި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ހުކުމް ކުރީ 13 މެއި 2015 ގައެވެ. އެ މައްސަލަ ހަމަ އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވެސް ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށެވެ. އެއަށްފަހު، ހައިކޯޓުގެ ނިންމުން ބާތިލުކޮށްދިނުމަށް އެދި ފަރީދުގެ ފަރާތުން 2017 ވަނަ އަހަރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުގައި މީގެކުރިން ބޭއްވި އަޑުއެހުމެއްގައި، ފުވައްމުލަކުގައި ތިބެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަދައްކަމުން ޝުހާދުގެ މަންމައާއި ބައްޕަ ވެސް ވަނީ އެ ދެމަފިރިންގެ ދަރިފުޅުގެ މަރުގެ ބަދަލުގައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، ޝުހާދު މަރުވެފައި ވަނީ ޙަސަން ފަރީދުގެ ރަޙުމު ކުޑަ، ޢުދުވާނީ އަދި ލާއިންސާނީ ޢަމަލުގެ ނަތީޖާއިންކަން ހުށައެޅިފައިވާ ހެކީންގެ ހެކިބަހަށާއި މެޑިކޯ ލީގަލް ރިޕޯޓްތަކަށް ރިޔާއަތް ކުރާއިރު ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
އަދި ޤާނޫނުލްޢުޤޫބާތުގައި ބަޔާން ކޮށްފައިވާ ފަދައިން އިސްލާމީ ޝަރީޢަތުގައި މިފަދަ ކުށްތައް ސާބިތު ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުން ޙަސަން ފަރީދުގެ މައްޗަށް ޙައްޤަކާ ނުލައި ޤަޞްދުގައި މީހަކު މެރުމުގެ ކުށް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުގެ ގަޟިއްޔާ އިން ފަރީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭރު ޢަމަލުކުރަމުން ދިޔަ ޤާނޫނުގެ ދަށުން އޭނާ މެރުމަށް ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ކަނޑައަޅައި، މަރަށް މަރު ހިފުމުގެ ހުކުމް ދަމަހައްޓާފައެވެ.
މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް