ޖަޕާނަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް
ޖަޕާނުގެ މެދުތެރޭގެ ސަރަޙައްދުތަކަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ހާމަކުރި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ އާދީއްތަ ދުވަހުގެ ފަތިހު 1:04 ހާއިރު، ހުޅަނގު ޝިޒުއޯކާ ޕްރިފެކްޗާގެ 40 ކިލޯމީޓަރު 25 މޭލު އަޑިންނެވެ.
ކިޔޯޑޯ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާގައި 20 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ބޮޑަށް އަނިޔާވެފައިވަނީ އައިޗީ އަދި ޝިޒުއޯކާ ޕްރިފެކްޗާއަށް ނިސްބަތްވާ މީހުންނަށެވެ. އަދި ގިނަ މީހުންނަށް އަނިޔާވީ ބިންހެލުމާއެކު އުފެދުނު ބިރުވެރިކަމުގައި، ސަލާމަތްވުމަށްޓަކައި އަވަސްއަވަހަށް ސިޑިން ފައިބަން އުޅުމުގެ ތެރޭގައެވެ.
މި ޙާދިސާގައި ބައެއް ޢިމާރާތްތަކަށާއި ވިޔަފާރި މަރުކަޒުތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން، ފިހާރަތަކުގެ ބިއްލޫރިގަނޑުތައް ތަޅައިގެންގޮސް މަގުމައްޗަށް އެޅިފައިވާ މަންޒަރާއި، ފޮތްފިހާރަތަކުގެ ހަރުތަކުގައި ހުރި ގިނަ ޢަދަދެއްގެ ފޮތްތައް ބިންމައްޗަށް ވެއްޓިފައިވާ މަންޒަރު އެ ޤައުމުގެ މީޑިއާތަކުން ދައްކާފައިވެއެވެ. އަދި ބިންހެލުމާ ގުޅިގެން ރައްކާތެރިކަން ހޯދުމުގެ ގޮތުން، ގިނަ ޢަދަދެއްގެ މީހުން ވަނީ ޢިމާރާތްތަކުން ނުކުމެ ހާމަކަންބޮޑު މައިދާންތަކަށް ޖަމާވެފައެވެ.

މި ބިންހެލުމުގެ ލޮޅުންތައް އައިޗީ ޕްރިފެކްޗާގެ ވަށައިގެންވާ ސަރަޙައްދަށް ފޯރާފައިވެއެވެ. އޭގެ ތެރޭގައި ހަމަމަޓްސޫ ސިޓީގެ އިތުރުން ތާރީޚީ މުހިންމު ސިޓީތައް ކަމުގައިވާ ކިޔޯޓޯ އަދި ނާރާ ހިމެނެއެވެ. އަދި މަޝްހޫރު ފުޖީ ފަރުބަދަ އޮންނަ ޔަމަނާޝީގެ އިތުރުން ގިފޫ ޕްރިފެކްޗާއަށް ވެސް މި ލޮޅުންތަކުގެ އަސަރު ވަނީ ކޮށްފައެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން ސުނާމީގެ އެއްވެސް އިންޒާރެއް ނެރެފައެއް ނުވެއެވެ. މީގެއިތުރުން، ބިންހެލުން އުފެދުނު މަރުކަޒާ ދުރުމިނުގައި އޮތުމުގެ ސަބަބުން، ވެރިރަށް ޓޯކިޔޯއަށް މި ހާދިސާގެ މާބޮޑު އަސަރެއް ކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން ބައެއް ރޭލު ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، އަސަރުކޮށްފައިވާ ސަރަޙައްދުތަކުގައި 'ޝިންކަންސެން' ބުލެޓް ރޭލުތަކުގެ ދުވެލި ވަނީ ދަށްކޮށްފައެވެ. އަދި ޓޯކިޔޯއާއި އޮސާކާ ގުޅުވައިދޭ ޓޯކައިޑޯ ޝިންކަންސެން ލައިނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދިޔަ އިންސްޕެކްޝަންތަކާ ގުޅިގެން، ޝިޒުއޯކާއާއި ގިފޫ-ހަޝިމާ ސްޓޭޝަނާ ދެމެދު ދަތުރުތައް ލަސްވެފައިވާ ކަމަށް އެ ޚިދުމަތް ދޭ ޖޭއާރް ސެންޓްރަލް އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، ޚާއްޞަކޮށް ކުރިއަށް އޮތް ދެތިން ދުވަހު އިތުރު ބާރުގަދަ ލޮޅުންތަކެއް އައުމުގެ ފުރުޞަތު އޮތުމާއެކު، އާންމު ރައްޔިތުން ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް