ޣައްޒާގައި ބޯކޮށް ވާރޭވެހި، ގެދޮރު ގެއްލިފައިވާ 70،000 އާއިލާއެއްގެ ފޭލިގެތައް ފެނުއަޑީގައި
ފިނި މޫސުމުގެ ވިއްސާރައިގައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ގާތްގަނޑަކަށް 70،000 ފޭލިގެއެއްގައި ފެންބޮޑުވެ، ހާލަތު އިތުރަށް ގޯސްވެއްޖެއެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި، ވާރޭވެހެން ފެށުނުތާ އެންމެ 12 ގަޑިއިރުގެ ތެރޭގައި ލިބުނު ގެއްލުންތަކުގެ އަގު ގާތްގަނޑަކަށް 3 މިލިއަން ޑޮލަރަށް އަރައެވެ. މި ވިއްސާރައިގެ ސަބަބުން އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި ބަލިކަށިވެފައިވާ އެތައް އިމާރާތެއްގެ ފާރުތައް ވެއްޓި ބައެއް މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި، ހޮނިހިރު ދުވަހުގެ ފަތިހު ވާރޭ ވެހެން ފެށިތާ ފުރަތަމަ 10 ގަޑިއިރުގެ ތެރޭގައި އެހީއަށް އެދި 1،500 އަށް ވުރެ ގިނަ ކޯލު ލިބިފައިވެއެވެ. އަދި ބައެއް ފޭލިގެ ކޭމްޕުތަކުގައި 30 އާއި 40 ސެންޓިމީޓަރާ ދެމެދުގެ އުސްމިނަކަށް ފެންބޮޑުވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބަސަލް ވިދާޅުވީ، ބައެއް ހިޔާވަހިކަން ދޭ މަރުކަޒުތަކުގައި މުޅިން ފެންބޮޑުވެ، އެތަންތަނުގައި ތިބި މީހުން މަގުމަތިވެފައިވާ ކަމަށެވެ. އަދި މި ހާލަތުގެ ސަބަބުން އެންމެ ނާޒުކު ފައްތަރެއްގައި ތިބީ ދުވަސް ނުފުރާ ވިހާފައިވާ ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ކަމަށާއި، މި ފިނީގައި ފޭލިގެތަކުގައި ދިރިއުޅޭ މީހުންގެ ފުރާނައަށްވެސް ނުރައްކާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާ ސިޓީ، ޚާން ޔޫނިސް އަދި ދެއިރް ބަލަޙްގެ ކޭމްޕުތަކުން ފެންނަ މަންޒަރުތަކުން ދައްކާ ގޮތުގައި، އާއިލާތަކުން ކަކުލާ ހަމައަށް ފެންބޮޑުވެފައިވާ މަގުތަކާއި ކިސަޑު އަދި ނަޖިސް ފެނުގެ ތެރޭގައި ހުސްފަޔާ ހިނގަމުންދާއިރު، އެމީހުންގެ ގޮދަޑިތަކާއި ކުއިލްޓުތައް ވަނީ މުޅިން ތެމިފައެވެ. މީގެއިތުރުން މޫދާ ކައިރީގައި އޮންނަ އަލް މަވާސީ ސަރަހައްދުގައި ދިރިއުޅޭ 125،000 އަށް ވުރެ ގިނަ އާއިލާއެއްގެ ފޭލިގެތަކަށް އުދައަރައި ރާޅާއެކު ދޮވެވިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މި ވިއްސާރައިގެ ސަބަބުން ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލުގެ އެމަޖެންސީ ޑިޕާޓްމަންޓުގައި ވެސް ފެންބޮޑުވެ، ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ޚިދުމަތް މެދުކެނޑުނެވެ. އެ ހޮސްޕިޓަލުގެ ޑިރެކްޓަރު މުޙައްމަދު އަބޫ ސަލްމިޔާ ވިދާޅުވީ، ނަޖިސް ފެން ވާރޭފެނާ އެކުވެ ފޭލިގެތަކަށް ވަނުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަމުގެ އިންފެކްޝަންތައް އިތުރުވާނެ ކަމަށާއި، ހޫނުކަން ބޭނުންވާ ޅަދަރިންގެ ފުރާނަ ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ޣައްޒާގެ އިމަޖެންސީ ކޮމިޓީން ބުނެފައިވަނީ ފިނި މޫސުމާ ކުރިމަތިލާއިރު ގާތްގަނޑަކަށް 200،000 ފޭލިގެއާއި ހޫނުކުރާ ސާމާނު ކޮންމެހެން ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް، އިޒްރޭލުން އެހީގެ ސާމާނު ވެއްދުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން މިފަދަ އެއްވެސް އެހީއެއް އެތެރެކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެންޖީއޯ ނެޓްވޯކްގެ ޑިރެކްޓަރު މުޙައްމަދު ސަލްހާ ވިދާޅުވީ، މިސްރުގެ ބޯޑަރު ކައިރީގައި 50،000 ފޭލިގެ ތައްޔާރަށް ހުރި ނަމަވެސް، އިޒްރޭލުން އެތަކެތި ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދީފައިނުވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް