'ފްރީ ފަލަސްތީން' ބޭންޑާއެކު ކައިރީ ލާވިންގް މެޗަށް: ފަލަސްތީނުގެ ޙައްޤުގައި ވަރުގަދަ މެސެޖެއް
އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ލީގު (އެން.ބީ.އޭ) ގެ ތަރި، ޑަލަސް މެވަރިކްސްގެ ކުޅުންތެރިޔާ ކައިރީ ލާވިންގް، ކުޅިވަރުގެ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއީދު އަނެއްކާވެސް ހާމަކޮށްފިއެވެ.
އެން.ބީ.އޭ ގައި ޑަލަސް މެވަރިކްސް ކުޅުނު މެޗެއްގެ ތެރެއިން ލާވިންގް ފެނިގެންދިޔައީ، ފަލަސްތީނުގެ ދިދަ އާއި "ފްރީ ފަލަސްތީން" (ފަލަސްތީނު މިނިވަންކުރޭ) މި ޝިއާރު ޖަހާފައިވާ އަތްކުރި ބޭންޑެއް އަޅައިގެން ހުއްޓައެވެ. ކޯޓުމަތީގައި އޭނާ މި ބޭންޑު ބޭނުންކުރުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި ފަލަސްތީނަށް ތާއީދުކުރާ އެތައް ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ލިބިގެން ގޮސްފައެވެ.
ލާވިންގްގެ މި އަމަލަކީ، އިސްރާއީލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާ ދެކޮޅަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށާއި، އަނިޔާ ލިބެމުންދާ މީހުންނާއެކު ސާބިތުވެ ހުރިކަން ހާމަކުރުމުގެ ގޮތުން ކުރި ކަމެކެވެ. މީގެ ކުރިން ވެސް ލާވިންގް ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފަލަސްތީނުގެ ރަމްޒެއް ކަމަށްވާ ކެފިޔޭ (ރުމާލު) އަޅައިގެން ބައިވެރިވެ، އަނިޔާވެރިކަމާ ދެކޮޅަށް އޭނާގެ އަޑު އުފުލާފައެވެ.
ކުޅިވަރުގެ މައިދާނުގައި މަޝްހޫރު ގިނަ ތަރިން ސިޔާސީ އަދި އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ވާހަކަދެއްކުމަށް ފަސްޖެހޭ ދަނޑިވަޅެއްގައި، ކައިރީ ލާވިންގް ފަދަ ނުފޫޒުގަދަ ކުޅުންތެރިއަކު ފާޅުކަން ބޮޑު ގޮތެއްގައި ފަލަސްތީނުގެ ހައްގުގައި މިފަދަ ފިޔަވަޅެއް އެޅުމުން، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް ތައުރީފުކޮށް ސާބަސް ރައްދުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް