އިސްރާއީލަށް ދޭ އަސްކަރީ އެހީ މިއަހަރު ނިމުމުން ހުއްޓާލާނަން: ޓްރަމްޕް
އެމެރިކާއިން އިސްރާއީލަށް ކޮންމެ އަހަރަކު ދެމުން އަންނަ 4 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ، މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރައްވައިފިއެވެ.
ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، މި ނިންމުމަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާކުރެއްވުމަށްފަހު، ދެބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ގޮތެއް ކަމަށެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި އިސްރާއީލަކީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، މުއްސަނދި ގައުމަކަށް ވުމުން، އެމެރިކާގެ ހިލޭ އެހީއަށް އެގައުމު ދެން ބޭނުމެއް ނުވާނެއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ އެމެރިކާގެ ޑިމޮކްރެޓުންނާއި ވާތުފިޔައިގެ ސިޔާސީ ފަރާތްތަކުން މި އެހީއަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށާއި، އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. މި ނިންމުމަކީ 2018 ވަނަ އަހަރުން ފެށިގެން 10 އަހަރުގެ މުއްދަތަށް ސޮއިކޮށްފައިވާ އެއްބަސްވުމެއް ކުއްލި ގޮތަކަށް އުވާލުމެވެ. އާންމުކޮށް މި ފައިސާ އިސްރާއީލުން ބޭނުންކުރަނީ އެމެރިކާގެ ކުންފުނިތަކުން ހަތިޔާރު ގަތުމަށެވެ.
ޓްރަމްޕްގެ މި އިޢުލާނާއެކު އިސްރާއީލުގެ ސިޔާސީ މަޝްރަޙު ވަނީ ހޫނުވެފައެވެ. ނަތަންޔާހޫގެ ސިޔާސީ ވާދަވެރިން ބުނަމުންދަނީ މިއީ ނަތަންޔާހޫގެ ފެއިލްވުމެއް ކަމަށާއި، މީގެ ސަބަބުން އިސްރާއީލުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ އެހީ ހުއްޓާލި ނަމަވެސް، ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތެއްގައި އެމެރިކާއިން އިސްރާއީލަށް އެހީތެރިވާނެ ކަމަށެވެ.
މި ބަދަލަކީ އެމެރިކާ އާއި އިސްރާއީލުގެ ޒަމާންވީ އަސްކަރީ ގުޅުމަށް އަންނާނެ އެންމެ ބޮޑު އެއް ލޮޅުން ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް