އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް
އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން، ދުނިޔެއިން އާންމުކޮށް ނުފެންނަ ޒާތުގެ "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނި، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ސުވާލުތަކަކާއި ބަހުސްތަކެއް އުފެދިއްޖެއެވެ.
ޔޫއެފްއޯ (UFO) ތަކާއި، އާދަޔާޚިލާފް މަޚްލޫޤުންގެ ދިރާސާތައް ކުރާ މަޝްހޫރު ތަޙުޤީޤީ މާހިރު ޖެއިމީ މައުސަން ބުނެފައިވާ ގޮތުގައި، މިއީ ދުނިޔެއިން އާންމުކޮށް ފެންނަ ޖަނަވާރުތަކާ މުޅިން ތަފާތު، މިހާތަނަށް ދެނެގަނެވިފައި ނުވާ ޝިކާރަކުރާ ޖަނަވާރެކެވެ.
މި ޖަނަވާރު، މެކްސިކޯގެ ރިއޯ ގްރާންޑޭ ސަރަޙައްދުގައި އޮންނަ ވެލީ އޮފް ޖުއަރޭޒްގެ ދަނޑުވެރިކަން ކުރާ ސަރަޙައްދުތަކުން ކުކުޅާއި، ހާ އަދި މުސަޅު ފަދަ ތަކެތި މަރައި، އުފުލައިގެން ގެންދާ ކަމަށް އެ ސަރަޙައްދުގެ ރައްޔިތުންނާ ޙަވާލާދީ މައުސަން ތުހުމަތުކުރެއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު މައުސަންގެ ޓީމުން ޢާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ޖަނަވާރަކީ ދޮން ކުލައެއްގައި، ބޮޑެތި ފައިތަކަކާއި ދިގު ނިގުލެއް އޮތް ޖަނަވާރެކެވެ. މި ސަރަޙައްދު އޮންނަ ޗިހުއާހުއާ ސްޓޭޓުން އާންމުކޮށް ފެންނަ މީދަލާއި، ރެކޫން ނުވަތަ މުސަޅު ފަދަ އެއްވެސް ޖަނަވާރަކާ މި ސޫފި ވައްތަރު ނޫން ކަމަށް މި ދިރާސާގައި ބައިވެރިވި ފަރާތްތަކުން ބުނެއެވެ.
ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާސާ ޓީމުގެ އެހީތެރިން ބުނެފައިވަނީ، މި ޖަނަވާރު ބޮޑު ފާރަކަށް އަރައިގެން ދިޔަ މަންޒަރުން އަންދާޒާ ކުރެވޭ ގޮތުގައި، އޭގެ ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުއްޓެވެ. އޭގެ ތެރެއިން 3 ފޫޓަކީ އޭގެ ނިގުލެވެ. ކެމެރާތަކަށް މި ޖަނަވާރު ބިމުގައި ހިނގާފައި އަދި ފާރަށް އަރައިގެން ދާތަން ފެނުނު ނަމަވެސް، މައުސަން ބުނި ފަދައިން އިންސާނުން ފަދައިން ކޮޅަށް ހުރެ ހިނގާ މަންޒަރެއް އަދި ރެކޯޑު ކުރެވިފައެއް ނުވެއެވެ.
މައުސަން މި ޖަނަވާރު ސިފަކޮށްފައިވަނީ ވަރަށް ހުޝިޔާރު، ވިސްނުންތޫނު އަދި އިންސާނުންގެ ބައެއް ސިފަތައް އެކުލެވިގެންވާ އެއްޗެއްގެ ގޮތުގައެވެ. އޭނާ މި ތަޙުޤީޤު ފެށީ މި ޖަނަވާރު ކުކުޅެއްގެ ބޮލުގައި ހިފައިގެން ގަހަކަށް އަރައިގެން ދިޔަ މަންޒަރު ކުޑަކުއްޖަކަށް ފެނުނު ކަމަށް ބުނި ހިސާބުންނެވެ.
މައުސަން އަކީ އާއްމުކޮށް އޭލިއަން އާއި އެފަދަ ޖަނަވާރުގެ ވާހަކަތައް ދައްކާ އުޅޭ މީހެކެވެ. މީގެ ކުރިން 2023 ވަނަ އަހަރު ވެސް، ދުނިޔެއިން ބޭރުން އައިސް އުޅޭ މަޚްލޫޤުން ކަމަށް ބުނެ މެކްސިކޯގެ ކޮންގްރެސްއަށް ދެ ”މަމީ“ ހުށަހެޅިއެވެ. އަދި އެއީ އޭލިއަން ކަމަށް ބުނެ ވާހަކަ ދެއްކުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭރުވެސް އަމާޒުވިއެވެ.
އެމެރިކާގެ ސަރުކާރުން އަދި މިހާތަނަށް ޔޫއެފްއޯ ނުވަތަ ބޭރު ދުނިޔޭގެ އެއްވެސް މަޚްލޫޤަކު އުޅޭކަމުގެ މާއްދީ ހެއްކެއް ފެނިފައިވާ ކަމަށް އެއްބަސްވެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް