ސައޫދީގެ ކިންގް ފަހަދު އެއާޕޯޓަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، އަށް މީހުން ޒަޚަމްވެއްޖެ
ސައޫދީ އަރަބިއްޔާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ދައްމާމުގައި ހުންނަ ކިންގް ފަހަދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި އެކަކު މަރުވެ، އަށް މީހުން ޒަޚަމްވެއްޖެއެވެ.
ސައޫދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ކުދި އަނިޔާތައް ލިބުނު މީހުންނާއި ސީރިއަސް ހާލަތުގައި ތިބި މީހުން ހިމެނޭ ކަމަށެވެ. އަދި އެ އެންމެންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މި ހާދިސާ ހިނގުމުގެ ކުރިން، ބުދަ ދުވަހުގެ ކުރީކޮޅު ސައޫދީ އަރާމްކޯގެ ޝައިބާ ތެޔޮ ވަޅަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް ސައޫދީގެ ވައިގެ ދިފާއީ ބާރުތަކުން ވައްޓާލުމުގެ ތެރޭގައި ވެސް ދެ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް އެނާޖީން ވަނީ ބުނެފައެވެ. މިއީ ސައޫދީން ތާއީދުކުރާ ޔަމަނުގެ ސަރުކާރާއި ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، ސައޫދީގެ ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ދެމުންގެންދާ ސިލްސިލާ ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ.
އޮކްޓޫބަރު 11 ގައި ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން މިސައިލް ހަމަލާއެއްގައި އެކަކު މަރުވެ، 11 މީހުން ޒަޚަމްވި ކަމަށް ސައޫދީން ވަނީ ހާމަކޮށްފައެވެ. އަދި އޭގެ ކުރިން، އޮކްޓޫބަރު 10 ވަނަ ދުވަހު ހަމަ އެ އެއާޕޯޓަށް ދިން ވަކި ހަމަލާއެއްގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވި ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.
ހޫޘީންގެ ފަރާތުން ސައޫދީއަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުވަމުންދާތީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ސައޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންނާއި އެމީހުންގެ އާއިލާތަކުގެ މެންބަރުން އެ ގައުމުން ފޭބުމަށް ބުދަ ދުވަހު އަންގާފައެވެ. މީގެއިތުރުން، އެ ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގައި ތިބި އެމެރިކާ މިޝަންތަކުގެ އާއިލާތައް ވެސް ގެންދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެމެރިކާގެ އޮފިޝަލުން ރޮއިޓާސްއަށް މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާތަކާ ގުޅިގެން ރިޔާޟްގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ، ހޫޘީންގެ ފަރާތުން ސައޫދީ އަރަބިއްޔާއަށް އިތުރު ހަމަލާތަކެއް އަމާޒުވެދާނެ ކަމަށް ބުނެ ސަލާމަތީ އިންޒާރެއް ވެސް ނެރެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް