ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި
ވޭޕްކުރުމުގެ ސަބަބުން އަޑަށް ބަދަލު އައިކަން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ސެލީނާ ގޯމޭޒް ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ، އިންސްޓަގްރާމުގައި އާދީއްތަ ދުވަހު ޕޯސްޓުކުރި ވީޑިއޯއަކުންނެވެ.
ސެލީނާ ބުނެފައިވަނީ، ވަރަށް ގިނައިން އޭނާ ވޭޕްކުރި ކަމަށާއި އެކަމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. ނިކޮޓިން ދޫކޮށްލުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ބުނެ، ވޭޕްކުރަން ފަށަން ވިސްނާ ފަރާތްތަކަށް ވެސް އޭނާ ވަނީ އިންޒާރު ދީފައެވެ.
"ވަރަށް މޮޔަ ކަމެއް، އަދި އެކަމުން އަހަރެންގެ އަޑު ބަދަލުވެއްޖެ،" ސެލީނާ ބުންޏެވެ.
މީގެ އިތުރުން، ސެލީނާ ވަނީ ލޫޕަސް ކިޔާ ދިގުމުއްދަތުގެ ބަލިއެއް އޭނާގެ ގައިން ފެނިފައިވާ ކަމަށް މީގެ ކުރިން އިއުލާންކޮށްފައެވެ. އަދި އެކަމުގެ ސަބަބުންވެސް އޭނާގެ އަޑަށް އަސަރުކުރި ކަމަށް އޭނާ 2017 ވަނަ އަހަރު ހާމަކުރިއެވެ.
އެގޮތުން، 2017 ވަނަ އަހަރު އޭނާގެ ރަހްމަތްތެރިޔާ ފްރާންސިއާ ރައިސާ ވަނީ ސެލީނާއަށް ކިޑްނީއެއް ހަދިޔާކޮށްފައެވެ. އެހެންކަމުން، ބައެއް ފަރާތްތަކުން ވަނީ ކިޑްނީއަށް ނިކޮޓިންގެ ގެއްލުން ލިބިދާނެތީ އޭނާގެ އަމަލާމެދު ސުވާލުއުފައްދާފައެވެ.
ނަމަވެސް، ގިނަ ފޭނުން ވަނީ އެ ވާހަކަތައް ހާމަކުރުމުން ސެލީނާއަށް ތާއީދުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް