ދެ އިންޖެކްޝަން ޖަހައިގެން މަރުނުވި މީހާ
ދެ އިންޖެކްޝަން ޖަހައިގެން މަރުނުވި މީހާ
ދުނިޔެ 04 Oct 2026 | 03:33

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން

އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ޤައިދީއެއް ކަމަށްވާ ކްރިސްޓާ ޕައިކްގެ ގަޔަށް ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާ ހޭނެތިފައިވާ ހާލުގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދާ ކަމަށް އޭނާގެ ވަކީލުން ބުނެފިއެވެ.

ވަކީލުން މިފަދައިން ބުނީ އެކަމާ ގުޅިގެން ކޯޓަށް ހުށަހެޅި ކުއްލި މައްސަލައެއްގައެވެ.

އުމުރުން 50 އަހަރުގެ ޕައިކްގެ ގަޔަށް ބުދަ ދުވަހު ނުރައްކާތެރި ވިހަ މާއްދާއެއް ކަމަށްވާ 'ޕެންޓޯބާބިޓަލް' (pentobarbital) ގެ ދެ ޑޯޒް ޖެހި ނަމަވެސް އޭނާ މަރުނުވެ ދިރިހުރުމާ ގުޅިގެން، ކުއްލި ފަރުވާއަށް އެމްބިއުލާންސެއްގައި ވަނީ ނެޝްވިލްގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ހޮސްޕިޓަލުގައި ޕައިކްގެ ހާލު އަދިވެސް ނާޒުކު ކަމަށާއި، ޑޮކްޓަރުން މަސައްކަތް ކުރަމުންދަނީ އޭނާގެ ފުރާނަ ސަލާމަތްކޮށް، ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށް ކަމަށް ވަކީލުން ބުނެއެވެ.

1996 ވަނަ އަހަރު ކޮލީން ސްލެމާ ނަމަކަށް ކިޔާ އަންހެން ކުއްޖަކު މަރާލި ކުށުގައި މަރުގެ އަދަބު ކަނޑައެޅުނު ޕައިކްގެ މައްޗަށް އަދަބު ތަންފީޒުކުރުން ނާކާމިޔާބުވުމާ ގުޅިގެން، އޭނާގެ ވަކީލުން މިހާރު ދަނީ މަރުގެ އަދަބު ލުއިކޮށްދިނުމަށް އެދި ހުށަހަޅަމުންނެވެ. އަދި ހުކުރު ދުވަހު ވަކީލުން ވަނީ މި ހާދިސާއާ ގުޅޭ "ހުރިހާ ހެއްކެއް" ރައްކާތެރިކޮށް ދެމެހެއްޓުމަށް އެދި ކޯޓަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.

ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ލީތަލް އިންޖެކްޝަން ޖެހުމަށްޓަކައި ލޭހޮޅި ހޯދުމަށް ޖަލުގެ އޮފިޝަލުން ވަނީ މަދުވެގެން ހަތް ތަނަކަށް ކަށި ޖަހާފައެވެ. އެ މަރުހަލާގައި ލޭހޮޅި ހޯދަންވީ ތަންތަން އަމިއްލައަށް ދައްކައިދިނުމުގައި ޕައިކް ވެސް އެހީތެރިވެދިން ކަމަށްވެއެވެ. ނަމަވެސް، ޖެހި އެއް ކަށި ނެގިއިރު އިނީ 90 ޑިގްރީއަށް ލެނބިފައި ކަމަށް ވަކީލުން ބަޔާންކުރެއެވެ. އަދި ދެވަނަ ޑޯޒް ފޮނުވަމުން ދިޔަ ވަގުތު، ޕައިކް ބާރަށް ރޯ އަޑާއި، ގިސްލާ އަޑާއި އަދި ނޭވާލާން އުނދަގޫވެގެން އުޅޭ އަޑު އިވެމުންދިޔަ ކަމަށް ވަކީލުން ފާހަގަކުރިއެވެ.

މި ހާދިސާއާ ގުޅިގެން، ޓެނެސީގެ ގަވަރުނަރު ބިލް ލީ ވަނީ މިކަން މިނިވަންކަމާއެކު ތަހުގީގު ކުރުމަށް އަމުރުކުރައްވައި، މިއަހަރު އެ ސްޓޭޓުގައި އިތުރަށް އެއްވެސް މަރުގެ އަދަބެއް ތަންފީޒުނުކުރަން ނިންމަވާފައެވެ. އެހެންނަމަވެސް، އެ ސްޓޭޓުގެ ކަރެކްޝަންސް ޑިޕާޓްމަންޓުން ބުނެފައިވަނީ އަމަލުކުރެވުނީ ކަނޑައެޅިފައިވާ ޕްރޮޓޮކޯލާ އެއްގޮތަށް ކަމަށެވެ. ކަންކަން ގޯސްކޮށް ދިޔަ ސަބަބެއް އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޕައިކްގެ ވަކީލުން ކުރިންވެސް ވަނީ އޭނާގެ ހަށިގަނޑުގައި ލޭގަނޑުވާ ބައްޔެއް ކަމަށްވާ 'ތްރޮމްބޯސައިޓޯސިސް' ހުރުމާއި ލޭހޮޅިތައް ހިމަވުމުގެ ސަބަބުން، އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމުގައި ބޮޑެތި ވޭންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. ވަކީލުން ތުހުމަތުކުރާ ގޮތުގައި، ލޭހޮޅި ފަޅައިގެން ގޮސްފައިވާކަން އިންޖެކްޝަން ޖެހި ޓީމަށް ރޭކާވެސް ނުލައެވެ.

މިކަމާ ގުޅޭގޮތުން ޚިޔާލުފާޅުކުރެއްވި ހޭނައްތާ ޑޮކްޓަރ ޖޮއެލް ޒިވޮޓް ވިދާޅުވީ، ޖެހި ދެ ޑޯޒަކީ ލޭގެ ހިނގުމުގެ ތެރެއަށް ރަނގަޅަށް ދިޔަނަމަ މަރުވާނެ މިންވަރު ކަމަށެވެ. ޕައިކް ދިރިހުރި ހަމައެކަނި ސަބަބަކީ ލޭގެ ތެރެއަށް އެކަށީގެންވާ ވަރަށް އެ ބޭސް ނުދިއުން ކަމަށާއި، އަތުގައި ނަގާފައިވާ ބިހިތަކުން ދައްކަނީ ލޭހޮޅި ފަޅައިގެން ގޮސް، ވިހަ މާއްދާ ދިޔައީ ހަމުގެ ދަށުގައިވާ މަސްތަކުގެ ތެރެއަށް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ލޭގަނޑުވުމުގެ ސަބަބުން ބޭސް ދައުރުވުން ހުއްޓުނީ ކަމަށްވެސް ވެދާނެއެވެ.

މި އަދަބު ތަންފީޒުކުރަން ފެށުނީ ވަކީލުން ހުށަހެޅި ގިނަ އިސްތިއުނާފުތަކެއް އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލުމާއި، ޓެނެސީގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ހަމައެކަނި އަންހެން މީހާ ކަމަށްވާ ޕައިކްއަށް މާފުދިނުމަށް ގަވަރުނަރު ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.

ކްރިސްޓާ ޕައިކް އުމުރުން އެންމެ 18 އަހަރުގައި 1995 ވަނަ އަހަރު މި ޖަރީމާ ހިންގީ އޭރުގެ ލޯބިވެރިޔާ ޓަޑާރިލް ޝިޕް އާއެކުގައެވެ. އެމީހުން ވަނީ 19 އަހަރުގެ ކޮލީން ސްލެމާއަށް އަނިޔާކޮށް އަނިޔާވެރި ގޮތަކަށް މަރާލާފައެވެ. އެ މައްސަލައިގައި ޕައިކްގެ ލޯބިވެރިޔާ ޝިޕް އަކީ އޭރު 17 އަހަރުގެ ކުއްޖަކަށް ވުމުން، ގާނޫނުގެ ދަށުން އޭނާއަށް މަރުގެ އަދަބުން އިސްތިސްނާ ލިބި، އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި އަދިވެސް ދަނީ ޖަލުގައި ހޭދަކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއުއަށް ފުރިހަމައަށް ތާއީދުކުރަން: ނަޝީދު
01 Nov 2026 ދުނިޔެ

ރަސްމާލެ މަޝްރޫއުއަށް ފުރިހަމައަށް ތާއީދުކުރަން: ނަޝީދު

ނަޝީދު ވަނީ ރަސްމާލެ މަޝްރޫއުއާމެދު ކަންބޮޑުވުން ފާޅުކޮށް ގައުމީ މަޖިލީހުގެ އެކި މެންބަރުން ދެއްކެވި ވާހަަކަތަކަށް ވެސް އެކި ފަހަރުމަތީން ރައްދު ދެއްވާފަ އެވެ.

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް
22 Oct 2026 ދުނިޔެ

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން، ދުނިޔެއިން އާންމުކޮށް ނުފެންނަ ޒާތުގެ "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނި، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ސުވާލުތަކަކާއި ބަހުސްތަކެއް އުފެދިއްޖެއެވެ.

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި
19 Oct 2026 ދުނިޔެ

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި

އޭނާ މިކަން ހާމަކޮށްފައިވަނީ، އިންސްޓަގްރާމުގައި އާދީއްތަ ދުވަހު އޭނާ ޕޯސްޓުކުރި ވީޑިއޯއަކުންނެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި
17 Oct 2026 ދުނިޔެ

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި

ޒަކާރިއާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވިއިރު، އެ ބައްދަލުވުން 15 މިނެޓަށް ދެމިގެންދިޔައިރު ޖަވާބުދެއްވީ ހަމައެކަނި ތިން ނޫސްވެރިއެއްގެ ސުވާލަކަށެވެ. އެ ބައްދަލުވުމުގައި ޒަކާރިއާ ފެނިގެން ދިޔައީ ފާޅުކަން ބޮޑު ގޮތެއްގައި ހާސްވެފައި ހުރި ތަނެވެ. ނޯޓު ފޮތަކުން ވާހަކަ ދައްކަމުން ނުކުތާތައް ކިޔައި، ދައްކަން ނުޖެހޭ ބައެއް ވާހަކަތައްވެސް ވަނީ ދައްކާފައެވެ.

އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމުމުން ފާޑުކިޔުން އަމާޒުވެ، އެކަން ނުކުރަން ނިންމައިފި
16 Oct 2026 ދުނިޔެ

އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމުމުން ފާޑުކިޔުން އަމާޒުވެ، އެކަން ނުކުރަން ނިންމައިފި

އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި ބަޑީގެ ހަމަލާތަކެއް ދީ ސިފައިންތަކެއް މަރާލި މީހަކަށް، ބަޑިޖަހައިގެން މަރުގެ އަދަބު ދޭ މަންޒަރު ވަގުތުން ދެއްކުމަށް، ލައިވްކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...