އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.
މި ހާދިސާގައި ވެއްޓިފައިވަނީ ޓެކްސަސްގެ އޮސްޓިން އިން ފުރައިގެން ބަހާމާސްއަށް ދަތުރުކުރި "ލިއަރޖެޓް 60" މަރުކާގެ ބިޒްނަސް ޖެޓެކެވެ. އޮސްޓިން-ބާގްސްޓްރޮމް އިންޓަނޭޝަނަލް އެއާޕޯޓުން އެ ބޯޓަކީ ޕްރައިވެޓް ޖެޓެއްކަން ކަށަވަރުކޮށްދިން ނަމަވެސް، އޭގައި ތިބި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ޓްރާންސްޕޮޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއީ ވަރަށް ބިރުވެރި ހާދިސާއެއް ކަމަށެވެ. އަދި ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު (އެން.ޓީ.އެސް.ބީ) އިން ކުރިއަށްގެންދާ ތަހުގީގަށް އެހީތެރިވުމަށްޓަކައި ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ) ގެ ޓީމުތައް ހާދިސާ ހިނގި ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.
އިންޓަނެޓުގައި އާންމުވެފައިވާ ކޮކްޕިޓް ރެކޯޑިންތަކުން އެނގޭ ގޮތުގައި، ބޯޓު ވެއްޓުމުގެ ކުޑައިރުކޮޅެއް ކުރިން ޕައިލެޓް ވަނީ ކޮންޓްރޯލް ކުރެވޭ ފަދަ މިންވަރަކަށް ގަނޑުފެނުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ބޯޓުގެ އުސްމިން ވަރަށް ބާރަށް ދަށަށްދާކަން ފާހަގަކޮށް، "އަހަރެމެން ބިމަށް ވެއްޓެނީ" ކަމަށް ބުނެ ބޯޓުގެ ފަޅުވެރިން ވަރަށް ބޮޑަށް ހާސްވެގެން ހަޅޭއްލަވާ އަޑު އިވެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ބޯޓު ވަރަށް ބާރު ސްޕީޑުގައި ވަކި އޭންގަލަކުން ތިރިއަށް އައިސް ބިމުގައި ޖެހުމާއެކު ބޮޑު ގޮވުމެއް ގޮވައި އަލިފާންގަނޑު ރޯވެގެންދެއެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގެ މަގުތައް ހަލާކުވެ، ބޯޓުގެ ބައިތަކުގައި އަލިފާން ރޯވެފައި ހުއްޓާ ފެންނައިރު، ކައިރީގައި ގިނަ އަދަދެއްގެ އާންމުން އެއްވެފައި ތިއްބެވެ.
ބޯޓު ވެއްޓިފައިވަނީ މީހުން ދިރިއުޅޭ ގެތަކާއި ޕާކުކޮށްފައި ހުރި ކާރުތަކާ ވަރަށް ކައިރިއަށް ކަމަށް ވިޔަސް، އެ ސަރަހައްދުގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް ބުންޏެވެ. ހާދިސާ ހިނގި ސަރަހައްދުގައި ހުރެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ގަވަރުނަރު ބުނީ، ބޯޓު ވެއްޓިފައިވަނީ މިސައިލެއް ފަދައިން ބާރަށް ކަމަށާއި، އޭގެ ސަބަބުން މަގުގެ އެއްފަރާތުގައި ބޮޑު ވަޅުގަނޑެއް ހެދިފައިވާ ކަމަށެވެ. އަދި މިއީ ނުރައްކާތެރި ހާދިސާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް