އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އީރާނުގެ ބައެއް ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައެވެ.
އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ހުކުރު ދުވަހުގެ ވަގުތެއްގައި މި ފިޔަވަޅުތައް އަޅާފައިވަނީ، އީރާނު ސަރުކާރުގެ އަސްކަރީ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރާ ކަމަށް ބުނާ ބައެއްގެ މައްޗަށެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައި ވާގޮތުން، މިއީ އީރާނުގެ އަސްކަރިއްޔާއަށާއި އަދި އެ ގައުމުން ވާގިވެރިވާ އެކި ހަރަކާތްތަކަށް ފައިސާ ހޯދުމަށްޓަކައި، ގަވާއިދާ ހިލާފަށް ތެޔޮ ވިއްކަމުންދިޔަ އީރާނު ސަރުކާރުގެ ނުފޫޒުގަދަ އަދި ކޮރަޕްޓް ހަތަރު މީހަކާ ދެކޮޅަށް އެޅި ފިޔަވަޅެކެވެ.
މި ފިޔަވަޅުތައް އަމާޒުކުރެވުނު މީހުންގެ ތެރޭގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އިންޓެލިޖެންސްގެ ކުރީގެ އޮފިސަރަކު ހިމެނެއެވެ. މީގެ އިތުރުން، އެމެރިކާއިން މީގެ ކުރިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މާހަން އެއާގެ އިސްވެރިޔާގެ ދަރިފުޅުވެސް މި ފިޔަވަޅުތައް އެޅި މީހުންގެ ލިސްޓުގައި ހިމެނޭ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް