އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ސްޕެނިޝްލީގްގައި ރޭ ބާސެލޯނާ އާއި އަލަވޭސް ބައްދަލުކުރިމެޗް ތަފާތުބޮޑު ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށް ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ. ރަފީނިއާ އާއި ޒުވާން ތަރި ލަމީން ޔަމާލް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ފެނިގެންދިޔަ މި މެޗުގައި، ފާމީން ލޮޕޭޒްގެ ފަރާތުންވެސ ްވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން އޭނާ ވަނީ ލަނޑެއް ޖެހުމުގެ އިތުރުން ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
އަނިޔާގެ ސަބަބުން މުހިންމު ޑިފެންޑަރުންތަކަކަށް ނުކުޅެވުނު ނަމަވެސް، ކޯޗު ހަންސީ ފްލިކް ގެނައި ބަދަލުތަކާއެކު ޓީމުގެ ދިފާއީ ބާރުވެސް ފެނުނީ ވަރުގަދަކޮށެވެ. މީގެ އިތުރުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އެންތަނީ ގޯޑަންވެސް ވަނީ އޭނާގެ ފުރަތަމަ ލަނޑު މި މެޗުގައި ކާމިޔާބުކޮށްފައެވެ.
ބާސާއަށް ލިބުނު މި މޮޅާއެކު ރަފީނިއާ ވަނީ 11 މެޗުން 15 ލަނޑު ހަމަކޮށް، ބާސެލޯނާގެ ކުރީގެ ރެކޯޑުތަކާ އަރާ ހަމަކޮށްފައެވެ. އަދި މިއީ ކޯޗު ހަންސީ ފްލިކްގެ ކެރިއަރުގައި ލިބުނު 100 ވަނަ މޮޅުކަންވެސް ފާހަގަކޮށްލެވެއެވެ. ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެ، ބާސެލޯނާ މިވަނީ ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއް ނަގާފައެވެ. ދެވަނާގައި އުޅެނީ އެއްޕޮއިންޓް ފަހަތުން އެތްލެޓިކޯ މެޑްރިޑެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް