އިލްމުވެރީންގެ ގުޅުމުގެ ރައީސް އިސްތިއުފާ ދީފި، ސަލަފުގެ ވެރީން އެ ހަރަކާތުން ވަކިވެއްޖެ
ގިނަ އަދަދެއްގެ ދީނީ އިލްމުވެރީން ގުޅިގެން އުފައްދާފައިވާ އިލްމުުވެރީންގެ ގުޅުމުގެ ރައީސްގެ މަގާމުގައި ހުރި އައްޝައިހް މުހައްމަދު ހަލީމް އެ މަގާމުން އިސްތިއުފާ ދީފި އެވެ.
އެކަން އެ ހަރަކާތުން ވަނީ ޔަގީންކޮށްދީފަ އެވެ. ހަލީމް އިސްތިއުފާ ދިނީ މީގެ ދެތީން ދުވަސްކުރީންނެވެ. އޭނާ އިސްތިއުފާ ދީފައިމިވަނީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އެ ހަރަކާތަށް ނިސްބަތްވާ ބައެއް އިލްމުވެރީން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ހަލީމަކީ ޖަމިއްޔަތުއްސަލަފުގެ މެންބަރެކެވެ. އެ ޖަމިއްޔާގެ އިލްމުވެރީންގެ މަޖިލީހުގެ މެންބަރެކެވެ. ހަލީމް އިސްތިއުފާ ދީފައިވާއިރު ސަލަފުގެ އިސް ބޭފުޅުންތަކެއް ވަނީ އިލްމުވެރީންގެ ގުޅުމުން ވަކިވެފަ އެވެ. އެއީ ސަލަފުގެ ރައީސް އަބްދުﷲ މުހައްމަދާއި އެ ޖަމިއްޔާގެ ކުރީގެ ނާއިބު ރައީސް އަދި މިހާރުގެ ތަރުޖަމާން އައްޝައިހް ހަސަން މޫސާ ފިކުރީ އާއި ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ މެންބަރު ޑރ. އަލީ ޒާހިރު އެވެ.
މި ތިން ބޭފުޅުން ވަނީ އިލްމުވެރީންގެ ގުޅުމުގެ ހަރަކާތުން ވަކިވެފަ އެވެ. ރައީސް ކަމުން އިސްތިއުފާ ދިން ނަމަވެސް ހަލީމް އެ ހަރަކާތުން ވަކިވެފައެއް ނުވެ އެވެ.
އިލްމުވެރީންގެ ގުޅުމުގެ ސެކްރެޓަރީ ޖެނެރަލް އައްޝައިހް ޒަމްޒަމް ފާރިސް ގެންދަނީ ރަސްމާލެ މަޝްރޫއުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް އެކި މައުލޫމާތުތައް ހިއްސާކުރަމުންނެވެ. އެހެން ކަމުން ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓުންނާއި ބައެއް އިލްމުވެރީންގެ ފާޑުކިޔުން ވަނީ ޝެއިހަށް އަމާޒުވެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް