ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
ފެނަކައިން ފުވައްމުލަކު ސިޓީއަށް ފޯރުކޮށްދެމުން އައި ކަރަންޓުގެ ހިދުމަތާ މިއަދު ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
ސްޓެލްކޯގެ ހިދުމަތް ފުވައްމުލަކުގައި ފެށިކަން ފާހަގަކުރުމުގެ ގޮތުން އެ ސިޓީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.އެ ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަކީ ފުވައްމުލަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ބަދަލު ގެނެވެނީ، ގައުމުގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުވައްމުލަކުގެ ކަރަންޓު ހިދުމަތް ސްޓެލްކޯގެ މިންގަނޑަށް ގެނައުމަށް، ހުރިހާ މުވައްޒަފުން މަސައްކަތްކޮށްދެއްވުމަށް ވެސް ޑރ. އަޒުވަރު އެދިވަޑައިގެންނެވިއެވެ.
ރާއްޖޭގެ އެންމެ އުތުރުގައިވާ ހއ. އަތޮޅުގެ ރަށްތަކުގެ ހިދުމަތްތަކާ އެ ކުންފުނި މިހާރު ހަވާލުވެފައިވާއިރު، ކުރިން އައްޑޫ ސިޓީގެ ކަރަންޓު ހިދުމަތާ ވެސް ހަވާލުވެފައިވެއެވެ.
ފެނަކަ އުވާލައި އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ގެނައުމަށް ސަރުކާރުން ނިންމީ، ހިންގުމުގެ ހަރަދު ކުޑަކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުން ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް