ވޭތުވެދިޔަ ހަފުތާގައި ސްކޭމްތަކުގައި 387،881 ރުފިޔާ ފޭރިއްޖެ
ވޭތުވެދިޔަ ހަފުތާގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކުރި ސްކޭމްގެ 38 މައްސަލައެއްގައި، ޢާންމުންގެ އަތުން ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ ރުފިޔާ ގެއްލިފައިވާ ކަމަށް އެންޓި-ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

އެ ސެންޓަރުން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ހަފްތާގެ ސްކޭމް ތަފާސްހިސާބު (11 – 17 އޮކްޓޯބަރު 2026):
• ހުށަހެޅުނު ޖުމްލަ މައްސަލަ: 38
• ގެއްލުނު ފައިސާގެ ޖުމްލަ: 387,881.10 ރުފިޔާ
• އަނބުރާ ހޯދުނު ފައިސާ: 208,708.20 ރުފިޔާ
ހުށަހެޅުނު މައްސަލަތަކުގެ ތަފްޞީލު:
• އީ-ކޮމާސް: 16 މައްސަލަ
• ފައިސާ މާރުކުރުން: 10 މައްސަލަ
• ބުކިންގ ރިފަންޑް: 5 މައްސަލަ
• އިންވެސްޓްމަންޓް: 2 މައްސަލަ
• އެހެނިހެން: 5 މައްސަލަ
އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފުތާއާ އަޅާބަލާއިރު މައްސަލަތަކުގެ ޢަދަދު 40 އިން 38 އަށް ކުޑަކޮށް ދަށްވި ނަމަވެސް، ގެއްލުނު ފައިސާގެ ޢަދަދު ވަނީ 81،672.82 ރުފިޔާއިން އިތުރުވެފައެވެ. އެގޮތުން، މި މަހުގެ ފުރަތަމަ ހަފުތާގައި ގެއްލިފައިވަނީ ޖުމްލަ 306،208.28 ރުފިޔާއެވެ.
ރައްކާތެރިކަމަށްޓަކައި ސަމާލުކަންދޭންވީ މުހިންމު ކަންކަން:
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ރިޕޯޓްކުރެވުނު އޮންލައިން ކުށްތަކުގެ ޢަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ. މީގެއިތުރުން، މިއަހަރު ހުށަހެޅިފައިވާ މިފަދަ މައްސަލަތަކުގެ 68 އިންސައްތައަކީ އެކި މީސްމީޑިއާ މަންސަތައް މެދުވެރިކޮށް ހިންގާފައިވާ ޖަރީމާތަކެއްކަން ވެސް ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. މި ބާވަތުގެ ކުށްތައް އިތުރުވަމުންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ބައެއް ފަރާތްތަކުގެ ފަރުވާކުޑަކަމާއި، ސައިބަރ ކުށްތަކާމެދު ޢާންމުންގެ މެދުގައި އެކަށީގެންވާ ވަރަށް ހޭލުންތެރިކަން ނެތުން ހިމެނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، އޮންލައިންކޮށް ވިޔަފާރީގެ މުޢާމަލާތްތައް ހިންގަވާއިރު، މުދާ ވިއްކާ ފަރާތުގެ އަޞްލު މަޢުލޫމާތާއި، އެ ފަރާތެއްގެ ޞަފްޙާއަށް ކަސްޓަމަރުން ދީފައިވާ ރިވިއުތަކުގެ އިތުބާރުހުރިކަން ކަށަވަރުކުރެއްވުމަކީ ނުހަނު މުހިންމު ކަމެކެވެ. ޚާއްޞަކޮށް، ބާޒާރުގެ ޢާންމު އަގުތަކަށްވުރެ އާދަޔާޚިލާފަށް ހެޔޮ އަގުގައި ތަކެތި ވިއްކަން ހުންނަ އިޢުލާންތަކާމެދު ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، އޯޑަރުކުރި މުދާ ލިބި، އޭގެ ޞައްޙަކަން ޔަޤީންނުވަނީސް އެއްވެސް ފަރާތަކަށް ފައިސާ ނުފޮނުއްވުމަށް އިލްތިމާސް ކޮށްފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް