އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
އަންނަ އަހަރަށް ހުށަހަޅާ ދައުލަރުގެ ބަޖެޓަށް މަޖިލީހުގެ މެމްބަރުގެ ފަރާތުން 23 އިސްލާހެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް) ރުފިޔާގެ ބަޖެޓެކެވެ. މިއީ ހިނގަމުންދާ އަހަރުގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.
އަންނަ އަހަރު ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 42.7ބިލިއަން ރުފިޔާ (71.5 ޕަސެންޓް) ޚާއްޞަކޮށްފައިވަނީ ރިކަރަންޓް ނުވަތަ ހިންގުމުގެ ޚަރަދަށެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.2 ބިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. މީގެ އިތުރުން ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 1 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
އާމްދަނީގެ ގޮތުން ބަލާއިރު، ހިލޭ އެހީއާއެކު އަންނަ އަހަރު 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިއީ މިއަހަރަށް ވުރެ 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 33.6 ބިލިއަން ރުފިޔާ ހިމެނެއެވެ.
މުޅި ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް މިއަހަރުވެސް ޚާއްޞަކޮށްފައިވަނީ ޞިއްޙީ ދާއިރާއަށެވެ. އެގޮތުން ޞިއްޙީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ (ބަޖެޓުގެ 17.6 ޕަސެންޓް) ކަނޑައަޅާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް