ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
އއ. ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެމީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އއ. ފެރިދޫ / ރޯޒްމީޑް، އާދަމް ނިމާލް (44އ) އާއި އއ. ފެރިދޫ / ބިލަމަގުމާގެ، ޢަލީ ޢާމިރު (43އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ގެންގުޅެ އަދި ބޭނުންކުރާކަމުގެ ތުހުމަތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ފެރިދޫ ޕޮލިހާއި ހިމަންދޫ ޕޮލިސް އަދި މާޅޮސް ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގަ އެވެ.
ފުލުހުން ބުނީ މި މަހު 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ޢަލީ ޢާމިރު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 42 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
އަދި މި މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އާދަމް ނިމާލް ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 21 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް