ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
ޏ. ފުވައްމުލައް / ދޫޑިގަން. މާދޫގެ، އަޙްމަދު ރަޝީދު ދިރިއުޅޭ ބައިގައި ކެފޭގެ އުސޫލުން މަސްތުވާތަކެތި ފޯރުކޮށްދީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންގެންދާ މައްސަލާގައި އެބައި ބަންދުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން މި އަމުރު ނެރެފައިވަނީ ނޮވެމްބަރު 19 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ ފުވައްމުލައް ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ނޮވެމްބަރު 19 ވަނަ ދުވަހު ފުވައްމުލައް ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން. މާދޫގެ، އަޙްމަދު ރަޝީދު (32އ) އާއި ޏ .ފުވައްމުލައް / ދޫޑިގަން ރޫބީ، މުޙައްމަދު ޝާޛް (36އ) އެވެ. އެ މީހުން ހައްޔަރުކޮށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް