ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް އާއި އޭނާގެ ރަނިންމޭޓަށް ނަންގަވާނެ ކަމަށް އިއުލާނުކުރައްވާފައިވާ އާދަމް އާޒިމަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވަރަށް ބޮޑަށް ފަސްޖެހިވަޑައިގެންފި އެވެ.
ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް ވަނީ "ޓީމް އެމްޑީޕީ" ނަމުގައި ކުރިއަށް އޮތް ގައުމީ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުންތަކެއް ނެރުއްވާފައިވެ އެވެ. ރައީސް ސޯލިހް ވިދާޅުވި ގޮތުގައި 200އެއްހާ ކެންޑިޑޭޓުން އެ ފަޅިން ނިކުމެ އެވެ. މިރޭ ވަނީ އެ ކެންޑިޑޭޓުންނާއިއެކު ބައްދަލްވުމެއް ބާއްވަވާފަ އެވެ.
އެ ބައްދަލްވުމުގައި ފައިސަލާއި އާޒިމް ވެސް ވާހަކަ ދެއްކެވި އެވެ. އެ ބައްދަލްވުމަށް ފަހު ސަންގު ޓީވީގެ ނޫސްވެރިއަކު ވަނީ ރައީސް ސޯލިހަށް ސުވާލުތަކެއް އަމާޒު ކުރައްވާފަ އެެވެ. މައިގަނޑު ސުވާލަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް އާއި އޭނާގެ ރަނިންމޭޓަށް ނަންގަވާނެ ކަމަށް އިއުލާނުކުރައްވާފައިވާ އާދަމް އާޒިމަށް ތާއީދު ކުރައްވަންތޯ ކުރެއްވި ސުވާލެވެ.
އެ ސުވާލު ވަރަށް ސާފުކޮށް ކުރުމުން ރައީސް ސޯލިހް ފުރަތަމަވެސް ވަނީ މިހާރު ކުރިއަށް ދަނީ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގެ ކެމްޕެއިން ކަމަށް ވިދާޅުވެ ސާފު ޖަވާބެއް ދެއްވަން ދެކޮޅު ހައްދަވާފަ އެެވެ. ދެވަނަ ފަހަރަށް އެ ސުވާލު ކުރުމުން ވެސް ގުޅުވައިލެއްވީ ގައުމީ މަޖިލީހުގެ އިންތިހާބާ އެވެ.

އަދި އިންތިހާބުގައި ވާދަކުރަން އެމަނިކުފާނު އިއުލާންނުކުރައްވާ ކަމުގައި ވިދާޅުވެ ސާފު ޖަވާބެއް ނުދެއްވާ ދޫކޮށްލެވެއްވި އެވެ.
"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެތަނުގައި އެ ތިއްބެވީ އެމަނިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓުން ކަމަށެވެ. ނަމަވެސް ނޫސްވެރިޔާ ވަނީ ރައީސް ސޯލިހްގެ ކިބައިން ސާފު ޖަވާބެއް ލިބޭތޯ އަނެއްކާވެސް ސުވާލުކޮށްފަ އެވެ. އެމްޑީޕީ ޕްރައިމަރީއަށް ފައިސަލާއި އާޒިމަށް ނިކުންނެވީ ސޯލިހްގެ ތާއީދާއެކުތޯ ތިންވަނަ ފަހަރަށް ސުވާލު ކުރުމުން ވިދާޅުވީ އެ ދެ ބޭފުޅުން ނިކުންނެވީ އެމަނިކުފާނާއި މަޝްވަރާކޮށްގެން ކަމަށެވެ. އަދި ކުރިމަތިލެއްވީ ތާއީދުކޮށްގެން ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސާފުކޮށް އެ ދެ ބޭފުޅުންނަށް ތާއީދުކުރާކަން ހާމަކުރެއްވުމަށް ވަރަށް ބޮޑަށް ފަސްޖެހިވަޑައިގަތެވެ.
"އަޅުގަނޑާއި މަޝްވަރާކޮށްފައި ކުރިމަތިލައިގެން އެ ތިބީ. އަޅުގަނޑު ތާއީދުކޮށްގެން ކުރިމަތިލީ،" ތަކުރާރުކޮށް ސުވާލުކުރުމުން ރައީސް ސޯލިހް ވިދާޅުވި އެވެ.

ޕްރައިމަރީއަށް ނިކުންނެވީ ރައީސް ސޯލިހްގެ ތާއީދާއެކު ކަަމަށް ފައިސަލާއި އާޒިމް ވިދާޅުވި ނަމަވެސް ރައީސް ސޯލިހް އެ މައުލޫގައި މީގެ ކުރީންވެސް ސާފުކޮށް އެއްޗެއް ވިދާޅެއް ނުވެ އެވެ.
2028 ގެ ރިޔާސީ އިންތިހާބަށް ނިކުންނެވުމަށް ރައީސް ސޯލިހްވެސް ބޭނުންފުޅުވި އެވެ. އެކަމަށް ކެމްޕެއިން ވެސް ފެއްޓެވި އެވެ. ނަމަވެސް ކާމިޔާބު ހޯއްދެވޭނެތޯ ސުވާލު އުފެދި އެމްޑީޕީގެ އެއްބައިވަންތަކަން އަލުން ގެއްލޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެމުން ފަހަތަށް ޖެހިވަޑައިގަތީ އެވެ. އެ ދަނޑިވަޅުގައި ރައީސް ސޯލިހްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ފައިސަލް ވަނީ ޕްރައިމަރީގައި ވާދަ ކުރަައްވާނެ ކަން އިއުލާނު ކުރައްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް